އައްޑޫ ސިޓީގައި ދެމުންދާ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ގޮތަކަށް ހިނގަމުން ނުދާ މައްސަލައިގައި އެމްވީކޭ އާއި އިކްނޮމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ހާޒިރުކުރުމަށް ފާސްކޮށްފި އެވެ.

މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މިއަދުގެ ބައްދަލުވުގައި ބައިވެރިވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައި ވަނީ އެމްވީކޭއިން ފެރީ ދަތުރުގެ ނިޒާމާ ބަހުގެ ހިދުމަތް "ހަރުދަނާ ގޮތަކަށް" ހިނގަމުން ނުދާ މައްސަލަ ބެލުމަށް ކަމާ ގުޅުން ހުރި ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވީ އެމްވީކޭއިން ދެމުންދާ ފެރީގެ ހިދުމަތާ ބަހުގެ ހިދުމަތް އެކަށީގެންވާ ގޮތަކަށް ނުދެވި ބޮއްސުންލާފައިވާ ކަމަށެވެ.

"ފެރީ ދަތުރުތައް ހުއްޓާލާއިރުގައި ގިނަ ފަހަރަށް ނޯޓިސްވެސް ނުދެވޭ ނޯންނާނެ ކަމުގެ. ހުޅުދޫ މީދޫ ފަޅިން މިތިބެނީ ހިތަދޫ ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެ ޕޮއިޓްމަންޓް ހައްދަވައިގެން. އެގޮތައް ތިއްބަ ފެރީ ނެތީމަ ނޯވެ ދެވޭނެ ގޮތެއް. ލޯންޗެއް ހިފައިގެން ކޮންމެ ކޮންމެ މީހަކަށް ދިއުމަކީ ވާނެ ވަރުގެ ކަމެއް ނޫން. ފުދޭ ވަރަކަށް ހަމަ އަގުބޮޑު. އެކަން އެހެން އޮތް އިރު ކައުންސިލުން އެބަ ވިދާޅުވޭ އެބޭފުޅުނަކަށް [ އެމްވީކޭ] އަށް ނުގުޅޭ. މިނިސްޓްރީންވެސް އެބަ ވިދާޅުވޭ އެބޭފުޅުނަކަށް [ އެމްވީކޭ] އަށް ނުގުޅެއޭ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެމްވީކޭއަށް ފެރީގެ ހިދުމަތް ދިނުމަށާއި ބަހުގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރީ ފެރީ ޓާމިނަލްއެއްވެސް ގާއިމު ކުރަން ޝަރުތުކޮށްފައި ކަމަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތައް އެމްވީކޭ އިން ކުރިއަށް ނުދާ ކަމަށާއި އެކަމުގެ ސަބަބުން އޮޅުން ފިލުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އެ ތިން ފަރާތް ކޮމެޓީއަށް ހާޒިރު ކުރުމަށް ވޯޓު ދެއްވީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދާއި ހުޅުދޫ ދާއިރާގެ މެމްބަރު މެމްބަރު މުހައްމަދު ޝާހިދާއި، ތުލުސްދޫ ދާއިރާ އިބްރާހިމް ވަހީދާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު އެވެ. ނަމަވެސް އެ ބޭފުޅުން ކޮމެޓީއަށް ހާޒިރުކުރާނެ ވަކި ތާރީހެއް ކަނޑައެއްނާޅަ އެވެ.