ދިވެހި ރާއްޖޭގައި މިނިވަން ވިޔަފާރި ސަރަޙައްދުތައް ކަނޑައެޅުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލާ މެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ދިރާސާކުރާ، އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން މިއަދު ވަނީ ބޮއިކޮޓު ކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓާ ސައީދު މިއަދު "ސަން"އަށް ވިދާޅުވީ އެ ބިލާމެދު ކަންބޮޑުވާން ނުޖެހޭނެ ކަމަށާއި ސަރުކާރުން ބޭނުން ވަނީ އެ ބިލް މެދުވެރިކޮށް ރާއްޖެ މިހާތަނަށް ނުދެކޭ ފަދަ ތަރައްގީ މި ރާއްޖެއަށް ގެނައުން ކަމަށެވެ.

އެ ބިލް ދިރާސާކުރާ ކޮމެޓީ ބޮއިކޮޓް ކުރި ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ކޮމެޓީ އަށް ހާޒިރުކޮށް، އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން ކުރިއަށްގެންދަނީ އެ އުސޫލާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީން އެ ކޮމެޓީ ބޮއިކޮޓް ކުރި ސަބަބެއް އަދި ވަނީ ސާފްނުވެފަ އެވެ. ނަމަވެސް އެ ބިލާ މެދު މަޖިލީހުގައި ބަހުސް ކުރިއަށް ގެންދިޔަ އިރު އެ ބިލަކީ ކޮރަޕްޝަނަށް މަގުފަހިވެގެން ދާނެ ބިލެއް ކަމަށް ސަރުކާރާ އިދިކޮޅު މެމްބަރުން ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ބިލަކީ ރާއްޖޭގެ އިގުތިސާދަށް އެއްވެސް ފައިދާއެއް ކުރާނެ ބިލެއް ނޫން ކަމަށެވެ. އަދި އިގްތިސާދީ ވަކި ސަރައްދުތައް ފަސޭހައިން ދައުލަތަށް ނުނެގޭނެ ގޮތަށް އޮތުމަކީ އޭގެ ގެއްލުންވާނެ ކަމެއްގެ ގޮތުގައި ވެސް ޝަރީފް ވަނީ ފާހަގަކުރައްވައިފަ އެވެ.

"ސުޕެޝަލް އިކޮނަމިކް ޒޯންތައް ވެސް ހަދަން އެބަޖެހޭ. ސުޕެޝަލް އިކޮނަމިކް ޒޯންއިން ކުރާނެ ކަންތައްތަކެއް، ކުރާނެ ވިޔަފާރީގެ ބާވާތްތަކާއި އޭގެ ހުދޫދުތަކާއި އަޅުގަނޑުމެންގެ ދައުލަތަށް ނެގެނީ ކިހާވަރެއްގެ ކުއްޔެއްކަން މި ބިލުގައި ކަނޑައަޅަން އެބަޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

"ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް" ދިރާސާކޮށް ނިންމުމުގެ ސުންގަޑިއަކީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ކަމަށް އެ ބިލް ދިރާސާކޮށް ނިންމުމަށް އިގްތިސާދީ ކަންކަމުގެ ކޮމިޓީން ވަނީ ކަނޑައަޅާއެވެ.