އިސްރާއީލުން މުސްލިމުންނާ ދެކޮޅަށް ހަމަލާއަކަށް ފަހު ހަމަލާއެއް ދެމުން ދަނީ އިސްލާމީ ގައުމުތައް ބައިބައިވެފައި ވާތީ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ ބައްދަލުވުމުގައި ވާހަކަދުޅު ދައްކަވަމުން ސައުދީ ފޮރިން މިނިސްޓަރް ޕްރިންސް ސައުދު އަލް ފައިސަލް ވިދާޅުވެފައި ވަނީ އިސްރާއީލުން އަރަބިންނަށް ހަމަލަދެނީ ބައިބައިވުމުގެ ސަބަބުން ބަލިކަށިވެފައިވާތައް ފެންނާތީ ކަމަށެވެ.

"...އިސްލާމީ އުއްމަތް އެކުވެރި ނަމަ އަދާވާތްތެރި ކަމަކަށް ފަހު އަދާވާތްތެރި ކަމެއް ހިންގަން އިސްރާއީލަށް ފުރުސަތު އޮންނާނެތަ؟ ފަލަސްތީނީންނާއި ޖުމްލަ ގޮތެއްގައި ހުރިހާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގަން އިސްރާއީލަށް ހިތްވަރު ލިބެނީ އިސްލާމީ އުއްމަތުގައި އޮތް ބައިބައިވުމާ ވަކިވެގަތުމާއި ދެކޮޅުވެރިކަން ފެތުރިފައި އޮތީމައި،" ޕްރިންސް ސައުދު ވިދާޅުވި ކަމަށް ޚަލީޖް ޓައިމްސް ނޫހުގައި ވެއެވެ.

ބައްދަލުވުމުގައި ޕްރިންސް ސައުދު ވަނީ އިސްރާއީލަށް ވެސް އިންޒާރެއް ދެއްވާފަ އެވެ. ވިދާޅުވެފައި ވަނީ އިސްރާއީލުގެ ދެމި އޮތުމަށް އޮތް ހަމައެކަނި ގޮތަކީ ސުލްހަގައި އޮތުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އިސްރާއީލުން މަސައްކަތް ކުރަނީ ފަލަސްތީނު މީހުންގެ ވުޖޫދުވުން އޮތް ކޮންމެ ތަނަކުން އެކަން ނައްތައިލުން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ޣައްޒާގެ ރައްޔިތުންގެ ބޭސްފަރުވާއަށް ސައުދީ އަރަބިއްޔާއިން 80 މިލިޔަން ޑޮލަރު (300 މިލިޔަން ރިޔާލަ) ހަރަދުކުރަން ސައުދީ އަރަބިއްޔާއިން ވަނީ އޯއައިސީގެ ބައްދަލުވުމަށް ހުށަހަޅާފަ އެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ހިންގި އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަމީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިންވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.