ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް އަލަށް ތިން މެމްބަރަކު އައްޔަން ކުރައްވައި އެ ކޮމިޝަންގެ ރައީސަކަށް ފާތިމަތު ސަރީރާ އަލީ ޝަރީފު އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޝަންގެ ހުސްވެފެފައިވާ ތިން މެމްބަރު ކަމުގެ ގޮނޑިއަށް މާލެ ދަފްތަރު ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދު އަދި ހ. ގްލޯރިއޯސާ‏ ‏ ‏އަލީ ނަދީމު އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ނައިބް ނައިބު ރައީސް ކަމަށް ‏މުހައްމަދު ފަރުހާދު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަން ‏‏ކުރައްވާފަ އެވެ.

ޕީއައިސީއަށް އަލަށް އައްޔަން ކުރެއްވި ތިން ބޭފުޅުން-- ފޮޓޯ/ ރައީސް އޮފީސް


އެ ރަސްމިއްޔާތަށްފަހު، ‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެ 3 ބޭފުޅުންނާ ‏‏ބައްދަކޮށްލެއްވި އެވެ. އަދި، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާއި، ނަޒާހަތްތެރިކަމާއެކު ‏‏އެބޭފުޅުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ.

މަޖިލީހުން ރުހުން ލިބިފައިވާ އެ ތިން ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ސަރީރާ އެވެ. ފުލުހުންގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެ ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ރައީސަކު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ސަރީރާއަކީ މަޖިލީހުގެ ކޮމެޓީން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވި ބޭފުޅާ އެވެ. އެކަމަނާއަށް ކޮމެޓީން ލިބިވަޑައިގެންނެވީ 91.2 ޕަސެންޓް މާކުހެވެ.