ޖުމްލަ ހަ ޓީމާ އެކު ވޮލީ ބޯޅަ އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޒަންގެ މެޗްތައް މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ހަ ޓީމަކީ ކުލަބް ވިޗެންޒާ އާއި ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބާއި ޔޫތް ސްޕޯޓްސް ކުލަބާއި ސްޕޯޓްސް ކުލަބް ސިޓީ އަދި ސްޕޯޓްސް ކުލަބް ގްޑީސްއެވެ.

މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަދު ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލު ކުރާ ދެ ޓީމަކީ ޔޫތް ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކުލަބް ގްޑީސް އެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ބައްދަކުލުރާ ދެ ޓީމަކީ ސްޕޯޓްސް ސިޓީއާއި ކުލަބް ވިޗެންޒާ އެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓިމާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގާ ކަށަވަރު ވާނީ ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާއި ތިން ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމާ އެކު ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.