ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލް ދިރާސާކުރާ، އިގްތިސޯދީ ކޮމެޓީގެ ބައްދަލުވުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ބޮއިކޮޓު ކޮށްފި އެވެ.

މިއަދު 9:30ގައި ބޭއްވި އެ ކޮމެޓީގެ ބައްދަލުވުން އެމްޑީޕީ އިން ބޮއިކޮޓް ކުރި ސަބަބު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ކޮމެޓީ އަށް ހާޒިރުކޮށް، އެބޭފުޅުންގެ ޚިޔާލު ހޯދުމަށް ކޮމެޓީން ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމެޓީގެ ބައްދަލުވުން ކުރިއަށްގެންދަނީ އެ އުސޫލާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ގައުމުގެ އިގްތިސޯދު ރަނގަޅުވެ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ގޮތަކަށް ކަންކަން ފަހިވެގެން ދިޔުން. އެހެންވީމާ އެ ނިޔަތުގައި އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ދެ ސެޝަން ނަގައިގެން، މަޖިލީހުގެ ކޮމެޓީގައި އަޅުގަނޑުމެން ކޮންޓްރިބިއުޓް ކުރަމުން މިދަނީ. އަޅުގަނޑުމެން މިގޮތަށް މަސައްކަތް ކުރަމުންދާ އިރު، ކޮމެޓީން ނިންމި ނިންމުމެއް އެއީ މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ހުރިހާ އިދާރާތަކެއްގެ ވިސްނުންފުޅު ހުރި ގޮތް، އެމީހުންގެ އޮޕީނިއަން، ސަޖެޝަންސް، ރެކޮމަންޑޭޝަންސް، ހޯދުމަށް. އެހެންނަމެވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދިޔައީ އެކި ފަރާތްތަކުން ހުށަހަޅާފައި ހުރި އެއްވެސް ހުށަހެޅުމެއް ބަލައި ނުގަނެ، ޕީޕީއެމްގެ މެޖޯރިޓީ ކޮމެޓީގައި އޮންނާތީވެ ބިލްގެ ޑްރާފްޓުގައި އޮތް ގޮތަށް ކަންތައް ނިންމަން ބާރުއަޅާ އެގޮތަށް ކަންތައްތައް ކުރަމުންދާތަން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖުމްހޫރީ ފަރާތުން އެ ކޮމެޓީގައި މަސައްކަތް ކުރީ މަޖިލީހުގެ ތަޅުމުގައި އެ ބިލާ ބެހޭގޮތުން މެމްބަރުން ބަހުސް ކުރެއްވި އިރު ދައްކާފައިވާ ވާހަކަތަކަށް ވެސް ރިއާޔަތްކުރަމުން ކަމަށެވެ. ނަމަވެސް ޕީޕީއެމުން ބޭނުންވަނީ އެއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް މިހާރު އޮތްގޮތަށް ބިލް ފާސްކުރުމަށް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެން ދެކޭގޮތުގައި އެންމެ އިންސާފުވެރިގޮތެއް ނޫން. މިހާރު ޑްރާފްޓުގައި އޮތް ގޮތަށް ކަންތައް ދާކަމަށްވަންޏާ ގައުމުގައި މިހާރު ހުރި އެގްޒިސްޓިން ވިޔަފާރިތަކަށާއި އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަންތައްތަކެއް ހުރުމާ އެކު، ސަރުކާރުގެ އެކި އިދާރާތަކުން އެމްއެމްއޭ، އެލްޖީއޭ، އަދި ޕޮލިސް ފަދަ ކަސްޓަމްސް ފަދަ ތަންތަނުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް އަޅުގަނޑުމެން ތާއީދު ކުރާ ވާހަކަ އަޅުގަނޑުމެން އޮން ރެކޯޑުގައި ކޮމެޓީގައި ވާނީ ބުނެފައި،" ރިޔާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މީގެ ފަހުން އެ ބިލް ދިރާސާ ކުރުމުގެ ބައްދަލުވުމުގައި ބައިވެރި ވާނީ ޕާޓީން ކޮމެޓީގައި ހުށަހަޅާފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވުމުން ކަމަށާއި އެކަން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އިތުރަށް ބައިވެރި ވާނީ މަޖިލީހުގެ ރައީސް އެކަމާ ދޭތެރޭ އަޅުއްވާ ފިޔަވަޅެއް އެޅުއްވުމަށް ފަހު، ބައްލަވާފައި، އަޅުގަނޑުމެންގެ އޮޕީނިއަން މޭކް ކުރެވޭނެ ފުރުސަތު ލިބުމާ އަދި އެކި އެކި ދާއިރާތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކާއި މަޖިލީހުގެ ފްލޯގައި މެމްބަރުން ހުށަހަޅާފައި ހުރި ކަންތަކަށް ބަހުސްކުރެވިގެން ދެން ކަންތައްތައް ނިމިގެން ދިޔުން އަޅުގަނޑުމެން އެދެނީ. އެނޫންގޮތަކަށް މި މަސައްކަތް ކުރިއަށްދާ ނަމަ ޖުމްހޫރީ ޕާޓީން ބައިވެރިނުވުން އެއީ ނިންމާފައިވާ ގޮތަކީ،" ރިޔާޒު ވިދާޅުވި އެވެ.

އިގްތިސާދީ ކޮމެޓީގައި ޖޭޕީގެ ފަރާތުން ތިއްބަވަނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޕާލަމެންޓްރީގެ ގްރޫޕްގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒެވެ.