13 Aug 2014, 12:02
ގައުމެއްގެ ގޮތުގައި އިސްރާއީލު ދެމިއޮންނަން ބޭނުން ނަމަ ފަލަސްތީނާ އެކު ސުލްހައިގެ އެއްބަސްވުމަކަށް އަންނަން ޖެހޭ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.
ޣައްޒާގެ މަސްރަހާ ގުޅޭ ގޮތުން އިއްޔެ އިސްލާމީ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގައި ވާހަކަފުޅު ދައްކަވަމުން ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ސައުދް އަލް ފައިސަލް ވިދާޅުވީ، އިސްރާއީލުގެ ހަމައެކަނި ބޭނުމަކީ ފަލަސްތީނު އެއްކޮށް ފުނޑުފުޑުކޮށްލުން ކަމަށާއި ނަމަވެސް އިސްރާއީލުގެ ދެމިއޮތުމަށް އޮތް ހަމައެކަނި ހައްލަކީ ހަމަޖެހުންކަން އެގައުމަށް އެނގެންވާނެ ކަމަށެވެ.
"ފެނިގެން މިދަނީ އިސްރާއީލުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގާނޫނުތަކާއި ގަވާއިދުތަކާއި ދީނީ މަސްދަރުތައް ނުވަތަ އިންސާނީ ކަރާމާތަށް ބެލުމެއް ނެތް، އެމީހުންގެ އަމަލުތައް ބިރުގަންނަ ދަރަޖައަކަށް ގެންދާތަން،" ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޕްރިންސް ސައުދް އިތުރަށް ވިދާޅުވީ، ބިމަކަށް ވެރިވެގަނެގެން އޮތް އަމިއްލައަށް ދިފާއުވުމަށް ކަމަށް ބުނެ އިސްރާއީލާކަށް ހަމަލާއެއް ނުދެވޭނެ ކަމަށެވެ.
"ބައިނަލްއަގްވާމީ އެއްވެސް ގާނޫނެއް ދަށަކުން ނުބުނޭ، ބިންތަކަށް ވެރިވެގަނެގެން އުޅޭ ބަޔަކަށް އަމިއްލަ ދިފާއުވުމުގެ ގޮތުން ހަމަލާދެވޭނެ ކަމަކަށް. އެފަދަ ފިޔަވަޅެއް އަޅާ ކޮންމެ ގައުމަކީ ގަސްތުގައި ސަރަަހައްދީ މަސްލަހަތު ނަގާލަން އުޅޭ ބައެއް،" ސައުދީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އިސްރާއީލުން ޣައްޒާގައި މިދިޔަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ހިންގަމުންދިޔަ ގަތުލް އާންމުގައި މިހާތަނަށް 2000 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލާފައިވާ އިރު، އިސްރާއީލުގެ 64 ސިފައިންނާއި އާންމުންގެ ތިން މީހަކު ވަނީ ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުގެ މުޖާހިދުންދިން ހަމަލާއެއްގައި މަރާލާފަ އެވެ.