13 Aug 2014, 11:48
ޒުވާނުންތަކެއް އިސްނަގައިގެން "ޔޫތް ފޯދަ ނޭޝަން" ގެ ނަމުގައި ޒުވާނުންނަށް ހާއްސަަ ހަރަކާތްތަކެއް ހިންގުމުގެ ގޮތުން ބޮޑު އެއްވުމެއް މާދަމާ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މުނިފޫހި ފުލުމުވުމުގެ ތަފާތު ހަރަކާތްތަކާ އެކު މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެ އިވެންޓް މާދަމާ ރޭ 9:00 އިން 12:00 އަށް ކުރިއަށްދާނެ ކަމަށާއި އެ އިވެންޓްގައި ވީހާ ވެސް ގިނަ ޒުވާނުން ބައިވެރިވުމަށް އިވެންޓް އިންތިޒާމްކުރާ ފަރާތުން ވަނީ ގޮވައިލައިފަ އެވެ.
އެ އިވެންޓް އޯގަނައިޒް ކުރާ ޓީމްގެ މެމްބަރެއް ކަމުގައިވާ ފާތުމަތު މީޝަމް މިއަދު ބުނީ މާލޭގެ އިތުރުން ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ވެސް އެ އިވެންޓް ކުރިއަށް ގެންދާނެ ކަމަށެވެ. އެފަދަ އިވެންޓެއް ބޭއްވުމުގެ މަގުސަދަކީ ވީހާ ވެސް ގިނަ ޒުވާނުންތަކެއް އެއްތަނަކަށް އެއްވެ ޒުވާނުންގެ ބޭނުންތަކާއި ޒުވާނުންގެ ހުރި މައްސަލަތައް އަޑު އަހައި އެމައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށެވެ.
"މި އިވެންޓްގެ ބޭނުމަކީ ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާ ޒުވާނުން މަދުކޮށް އެމީހުންނަކީ އުފެއްދުންތެރި ބައެއް ކަމުގައި ހެދުމަށް އެހީތެރިވެދިނުން. މި އިވެންޓްގެ ސަަބަބުން ޒުވާނުންނަށް އެމީހުން ކުރިއަށްދާންވި މަގުތަކެއް ކޮށައިދެވޭނެ. މިކަމުގައި ސަރުކާރުގެ ވަރަށް ބޮޑު އެއްބާރުލުން ލިބިގެން ނޫނީ މިފަދަ އިވެންޓެއް ކުރިއަކަށް ނުގެންދެވޭނެ،" މީޝަމް ބުންޏެވެ.
ޒުވާނުންގެ "މެގާ ގެދަރިން" އެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މި އިވެންޓް ކޮންމެ މަހަކު ވެސް ދެ ތިން ފަހަރު ބޭއްވުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށާއި އެ އިވެންޓް އެގޮތުގައި ކުރިއަށް ގެންދިއުމަށް ވީހާވެސް ގިނަ ޒުވާނުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާ އެ އެއްވުމުގެ ވަގުތުކޮޅަކީ އުފެއްދުންތެރި ވަގުތުކޮޅަކަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ އިވެންޓްގައި ޒުވާނުންނާއި ގުޅޭ ކަންކަމުގެ ޑިސްކަޝަން ފޯރަމްތަކާއި ކިއުއެންއޭ ޝެސަންތައް މިނިސްޓްރީތަކާއި ކަމާ ގުޅޭ ވުޒާރާތައް ގުޅިގެން ކުރިއަށް ގެންދިއުމަށް މަޝްވަރާކުރަމުން ގެންދާ ކަމަށް ވެސް މީޝަމް ވިދާޅުވި އެވެ.
"މިފަދަ ޝެސަންތަކުގެ ސަބަބުން ޒުވާނުން ބޭނުންވާ ކަންތައްތަކާ ޒުވާނުންގެ ހުރި ސުވާލުތަކަށް ކަމާ ގުޅޭ ފަރާތްތައް މެދުވެރިކޮށް އެކުވެރި މާހައުލެއްގައި ޖަވާބު ލިބިގެންދާނެ،" މީޝަމް ބުންޏެވެ.
މީގެ އިތުރުން މި އިވެންޓް ކުރިއަށްދާ ވަގުތު އެ އެއްވުމުގައި ބައިވެރިވާ ޒުވާނުންގެ މެދުގައި ލަކީ ޑްރޯއެއް ނެގުން ވެސް ވަނީ ހަމަޖެހިފަ އެވެ. އެލަކީ ޑްރޯއިން އެއް ވަނަ އަށް އަންނަ ފަރާތަކަށް ސައިކަލެއް ދެވަނަ އަންނަ ފަރާތަކަށް ލަންކާ ދެކޮޅު ޓިކެޓް އަދި ތިން ވަނަ އިނާމަކަށް ކޮންމެ ވެސް ރިސޯޓެއްގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.