13 Aug 2014, 11:44
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީ އަށް ވުރެ 8.8 ޕަސެންޓް ދަށްވެއްޖެ އެވެ.
މީރާ އިން އާންމުކޮށްފައިވާ ތަފާސް ހިސާބްތަކަށް ބަލާ އިރު މިދިޔަ ޖުލައި މަހު އެ އިދާރާ އަށް އާމްދަނީގެ ގޮތުގައި 1.36 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެމަހާ އަޅާބަލާ އިރު 7.9 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް އެއީ މީރާ އިން ޖުލައި މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ ލިބުނު އާމްދަނީ 8.8 ޕަސެންޓް ދަށްވެފަ އެވެ.
މީރާގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ލިބޭނެ ކަމަށް އަންދާޒާ ކުރި މިންވަރަށް ވުރެ އާމްދަނީ ދަށްވެފައި ވަނީ "ކުރިން ޕުލޭން އޮތްގޮތުން ޖީއެސްޓީ ބަޔާނާއި އެހެނިހެން ބައެއް ޓެކްސްތައް ވެސް މިދިޔަ މަހު ފަހު ކޮޅު ދައްކާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އީދު ބަންދު އައުމުން އެ ޓެކްސްތައް ފަހުން ދައްކާފައި ވަނީ މި މަހުގެ ކުރީ ކޮޅުގައި، އެހެންކަމުން މިދިޔަ މަހުގެ ހިސާބުތަކުގެ ތެރޭގައި އެއަދަދުތައް ނުހިމެނޭތީ ދަށްވީ" ކަމަށެވެ.
ޖުލައި މަހު ވަކިވަކި ދާއިރާތަކުން ލިބުނު އާމްދަނީ އަށް ބަލާ އިރު އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 15 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ދަށް އަދަދެކެވެ. އަދި ޖީއެސްޓިގެ ގޮތުގައި 142 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީވެސް މިދިޔަ އަހަރު އެ މުއްދަތާ އަޅާބަލާ އިރު ދަށް އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 275 މިލިއަން ރުފިޔާ އެ ޓެކްސްގެ ގޮތުގައި ލިބިފައިވެ އެވެ.
ވިޔަފާރި ފައިދާ އިން ނެގޭ ޓެކްސް ވަނީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މި އަހަރުގެ ޖުލައި މަހު ލިބުނު މިންވަރު އިދުރުވެފަ އެވެ. އެގޮތުން މި އަހަރު 658 މިލިއަން ރުފިޔާ އެ ދާއިރާ އިން ލިބިފައިވެ އެވެ. އަދި ބެންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ވަނީ 386 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި ވަނީ 57 މިލިއަން ރުފިޔާ ލިބިފަ އެވެ.
މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މީރާ އަށް ހަތް ބިލިއަން ރުފިޔާ ލިބިފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.