13 Aug 2014, 11:05
ޖިނާއީ ކުށްތަކަށް މަގުފަހިވާ ގޮތަށް މާލޭގެ ސަރަހައްދުތަކުގައި ހަދާފައި ހުރި ހަޓްތައް ރޫޅަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 9:30ގައި ފުލުހުން ނުކުމެ ރޫޅަން ފެށީ އަޑިޕާކުން ފެށިގެން ކާނިވާ ސަރަހައްދާ ދެމެދު ހަދާފައި ހުރި ހަޓްތައް ކަމަށެވެ. އަދި އެ ތަންތަން ރޫޅަން ފެށީ 48 ގަޑިއިރުގެ ނޯޓިސްއެއް ދިނުމަށް ފަހު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
"ހަޓްތަކުގައި އެބަހުރޭ އާންމުންގެމުދާ ވެސް. އެހެންވެ އަޅުގަނޑުމެން ކުރިން ނޯޓިސްއެއް ތަތްކުރީ ކޮންމެ ހަޓެއްގައި ވެސް. ހަޓްތައް ރޫޅަމުންދާ ވަގުތު ވެސް އާންމުންގެ މުދަލެއް ހުރި ނަމަ އެތަކެތި އެފަރާތެއް އައުމުން އެބަ ހަވާލު ކުރަން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުން ބުނީ ހަޓްތައް ރޫޅަން ފެށީ މާލޭގެ ބައެއް ސަރަހައްދުތަކަކީ ވަކި ބަޔަކަށް ބޭނުން ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ ތަންތަނަކީ ޖިނާއީ ކުށްތައް ކުރުމަށް މަގުފަހިވާ ތަންތަން ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް މިހާތަނަށް އަދި މާރާމާރީ ހިންގުމަށް ބޭނުން ކުރާ ޒާތުގެ އެއްވެސް އެއްޗެ ފެނިފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ސަރުކާރުގެ ހުއްދައެއް ނެތި ހަދާފައި ހުންނަ ހަޓްތައް އާންމު ރައްޔިތުން ބޭނުން ކުރެވޭ ތަންތަނަށް ހެދުމުގެ ގޮތުން ފުލުހުން ކުރަންފެށި މަސައްކަތުގައި ސިޓީ ކައުންސިލްގެ ބައެއް މުވައްޒަފުން ވެސް ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ހަޓްތައް ރޫޅަންފެށީ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަށް އެންގުމަށް ފަހު ކަމަށެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް މާލޭގައި ހުރި ހަޓްތައް ރޫޅާފަ އެވެ. އަދި ދާދިފަހުން ވަނީ ވިލިމާލޭގައި ހުރި ހަޓްތަކެއް ވެސް ރޫޅާފަ އެވެ. ފުލުހުން ބުނީ މާލޭގެ އިތުރު ސަރަހައްދުތަކުގައި ހުރި ހަޓް ފަދަ ތަންތަން ރޫޅުމުގެ މަސައްކަތް ކުރާނެ ކަމަށާއި އަދި އެތަންތަނުގައި މިހާރު ނޯޓިސް ހަރުކޮށްފައިވާނެ ކަމަށެވެ.