13 Aug 2014, 10:39
ލ. ގަމުގައި އަލަށް އާބާދުވަމުންދާ ސަރަހައްދުގެ ނަރުދަމާގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަސްތެރޭގައި ނިމޭނެ ކަމަށް އެންވާރަމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގަމުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާގެ ނިޒާމް ހަލާކުވެފައިވާތާ ގިނަދުވަސްތަކެއް ވުމުގެ ސަބަބުން ރަށުތެރޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެތީ އެކަމާ ގުޅޭ ގޮތުން ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުގެ ނަރުދަމާގެ ނިޒާމް މަރާމާތު ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ފެނަކަ ކޯޕްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ލ. ގަމުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމްގެ ފުރިހަމަ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަރާމާތުގެ މަސައްކަތް ކުރުމަށް 21 ޖުލައި 2014ގައި ވަނީ ފެނަކަ ކޯޕްރޭޝަނާ ހަވާލު ކުރެވިފައި. މިމަސައްކަތް ކޮށްނިންމުމަށް ހަމަޖައްސާފައި ވަނީ މަސައްކަތް ހަވާލުކުރާ ތާރީޚުން ފެށިގެން ހަމަސް ދުވަސް ތެރޭގައި،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަމުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ މައްސަލަ އަށް ވަގުތީ ހައްލެއް ހޯދިފައިވާ ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
ތޯރިގު ވިދާޅުވީ ގަމުގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރާ ނަރުދަމާގެ ތެރެއިން 63 ޕަސެންޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
"ގަމުގެ އެކި ސަރަހައްދުތަކުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް 16 ކިލޯ މީޓަރުގެ ފާޚާނާ ހޮޅި މިހާރު ވަނީ އަޅައި ނިންމާލެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.