އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެގައުމުގައި އުޅޭއިރު ކުރާ ޖިނާއީ ކުށްތައް ދެނެގަނެ އެފަދަ ކުށްތައް ބެލުމުގައި ލަންކާ ފުލުހުންނާ ދިވެހި ފުލުހުން ކުޅިގެން މަސައްކަތްކުރަން އެއްބެސްވެއްޖެ އެވެ.

ފުލުހުން ބުނީ ލަންކާގެ ފުލުހުންނާއި ދިވެހި ފުލުހުން މިކަމާ މެދު މަޝްވަރާކޮށް މިގޮތަށް އެއްބަސްވެފައި ވަނީ މިމަހުގެ 6 އިން 10 އަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ޝްރީލަންކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ލަންކަން ޕޮލިސްގެ އިންސްޕެކްޓާ ޖެނެރަލް އެމް. ކޭ އިލަންގަ ކޫން އާއި ލަންކަން ޕޮލިސްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށްފަހުގައި ކަމަށެވެ.

ރާއްޖެ އާއި ސްރީލަންކާގެ ފުލުހުން މަޝްވަރާކޮށް ނިންމާފައި ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ޖިނާއީ އެކިއެކި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ މައުލޫމާތު ދިވެހި ފުލުހުންގެ މުއައްސަސާއާ އެކު ހިއްސާކޮށް، އެފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތް ކުރާ ގޮތަށެވެ.

މީގެ އިތުރުން ހާއްސަ ގޮތެއްގައި ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހެއްގެ ކިބައިން މަސްތުވާތަކެތި ބޭނުންކުރާކަން އެނގޭ ނަމަ ޝްރީލަންކާގެ ފުލުހުން މެދުވެރިކޮށް އެފަރާތެއް ނުވަތަ އެ ފަރާތްތަކުގެ މައުލޫމާތު ދިވެހި ފުލުހުންނާ ހިއްސާ ކުރާގޮތައް ވެސް ވަނީ އެއްބަސްވެ ވެފަ އެވެ.

ލަންކާ އަކީ ރާއްޖޭގެ ގިނަ ބަޔަކު ތައުލީމު ހޯދުމަށާއި އެހެނިހެން ބޭނުންތަކުގައި ގިނަގިނައިން އައިސް ގޮސްވާ އަދި އެތަނުގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ.