13 Aug 2014, 09:53
ލަންޑަން (އޮގަސްޓް 13): ގައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ދެމުންގެންދާ ހަމަލާތައް އަލުން ފަށައިފި ނަމަ އިސްރާއީލަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ނުވިއްކުމަށް އިނގިރޭސިވިލާތުން ނިންމާނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުގެ ދައުލަތުގެ ވަޒީރެއް ކަމަށްވާ ވިންސް ކެބްލް ވިދާޅުވީ އިނގިރޭސިވިލާތުން އިސްރާއީލަށް ވިއްކާ ހަތިޔާރުގެ ބޭނުން ކޮށްގެން އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް އަރައިގަންނަމުންދާ ކަމުގެ ބިރު އިނގިރޭސި ސަރުކާރުން އިހްސާސްކުރާ ކަމުގަ އެވެ. މިގޮތުން ގައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން އަލުން ހަމަލާތައް ދޭން ފަށައިފި ނަމަ އިނގިރޭސިވިލާތުން އިސްރާއީލަށް ވިއްކާ ހަތިޔާރުގެ ތެރޭގައި ހިމެނޭ ރާޑަރާއި ބައެއް ބާވަތުގެ ސްޕެއަޕާޓްސް އާއި އަސްކަރީ މަތިންދާ ބޯޓާއި ޓޭންކްފަދަ ހަތިޔާރު ވިއްކުން ހުއްޓާލުމަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތަކާއި ގަތްލުއާންމުތަކަށް އެހީތެރިވާ ކަމަށް ތުހުމަތުކުރެވޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެ އެވެ. އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ނިކް ކްލޭގް ވަނީ އިސްރާއީލުގެ ސިފައިން ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ އިމުން ބޭރުވެފައިވާ ކަމަށް ވިދާޅުވެ އިނގިރޭސިވިލާތުގެ ހަތިޔާރު އިސްރާއީލަށް ވިއްކުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ނިކް ކްލޭގް އަކީ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ކޮންޒަވެޓިވް ޕާޓީއާ ހިލާފަށް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރިން އަޑުއުފުލާ އިނގިރޭސިވިލާތުގެ ހަމައެކަނި ޕާޓީ ކަމަށްވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ޒައީމެވެ. އިނގިރޭސި ސަރުކާރުގެ ދައުލަތުގެ ވަޒީރު ވިންސް ކެބްލްއަކީ ވެސް ލިބަރަލް ޑިމޮކްރެޓިކް ޕާޓީގެ ބޭފުޅެކެވެ. ނަމަވެސް އިސްރާއީލުގެ ރަހްމަތްތެރި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ އިސްރާއީލުގެ ހަރުކަށި އަމަލުތަކާ އަދި ސްޓޭޓް ޓެރަރިޒަމްގެ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށާއި އެއަމަލުތައް ކުށްވެރިކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. (ރޮއިޓާސް)