ފުލުހުންގެ ގާނުނުގެ ދަށުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީޕީ) އިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް ޕްރޮސިކިޔުޓާ ޖެނަރަލް (ޕީޖީ) އަށް ފޮނުވާ ގޮތަށް ފުލުހުންގެ ގާނޫނަށް ހުށަހެޅި އިސްލާޙް މަޖިލީހުން އިއްޔެ ބަލައިގެންފި އެވެ.

ފުލުހުންގެ ގާނޫނަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު ދޮންމަނިކު ހުށަހަޅުއްވާފައިވާ އިސްލާހަކީ ފުލުހުންގެ ގާނޫނުގެ ދަށުން ޕީއައިސީން ތަހުގީގުކުރާ ޖިނާއީ މައްސަލަތައް ބަންޑާރަނައިބަށް ފޮނުވަން އޮންނަ އޮތުން ޕީޖީ އަށް ފޮނުވަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

ހުސަން މަނިކު ދޮންމަނިކު ހުށަހެޅުއްވި އެ އިސްލާޙު ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވި 73 މެންބަރުންގެ އިއްތިފާގުންނެވެ.

ހުސައިން މަނިކު ވިދާޅުވީ އަލަށް އަމަލުކުރާ ގާނޫނުއަސީގެ ދަށުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށްފަހު ފޮނުވަން ޖެހޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ކަމަށާއި އެހެން ކަމުން ގާނޫނުގެ އެ މާއްދާއަކީ ބަދަލު ކުރަން ޖެހޭ މާއްދާ އެއް ކަމަށެވެ.

ބިލްގެ ބަހުސް މަރުހަލާގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވީ އެ ބިލަކީ ސަރުކާރުން ގިނަ ބިލްތަކެއް މަޖިލީހަށް ހުށަހަޅަމުންދާކަން ދެއްކުމުގެ ގޮތުން ހުށަހެޅި އިސްލާހެއް ކަަމށެވެ. އަދި ވިދާޅުވީ މިހާރުވެސް ފުލުހުންގެ ގާނޫނުގެ ދަށުން ޕީއައިސީޕީ އިން ތަހުގީގުކުރާ މައްސަލަތަކުގެ ތެރެއިން ޖިނާއީ މައްސަލަތައް ފޮނުވަނީ ޕީޖީ އަށް ކަމަށެވެ. އެހެން ކަމުން މިއީ އިދާރީ ގޮތުން ގެންނަ ބަދަލެއް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

ޕީޕީއެމްގެ މެންބަރުން ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ވަަރަށް ގިނަ ގާނުނުތަކުގެ މާއްދާތަކެއް އިސްލާޙް ކުރަން ޖެހޭ ކަަމަށެވެ. އެހެންކަމުން އެއްވެސް ގާނޫނެއް ގާނޫނު އަސާސީއާ ތައާރަޒުވާނަމަ އެކަން އިސްލާހު ކުރަންޖެހޭނެ ކަމަށް ޕީޕީްއެމްގެ މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހުން އެ އިސްލާޙް ބަލައިގަތުމާއި ގުޅިގެން އެ ބިލް އިތުރަށް ދިރާސާ ކުރުމަށްޓަކައި ވަނީ ގައުމީ ސަލާމަތު ކޮމެޓީ އަށް ފޮނުވާފަ އެވެ.