ޓެލްއަވީވް (އޮގަސްޓް 13) : ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ގަތްލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ތަހްގީގް ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ނަޒާހަތްތެރިކަމާ މެދު ޝައްކުކޮށް އެކަން ނުކުރުމަށް އިސްރާއީލުން ގޮވާލައިފި އެވެ.

އިސްރާއީލުގެ ހާރިޖިއްޔާގެ ތަރްޖަމާން ޔުގާލް ބެލްމޯރު ވިދާޅުވީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ކަމަށް ބަޔަކު ގަތްލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކާ ގުޅޭ މުސްތަގިއްލު ތަހްގީގެއް ނުކުރެވޭނެ ކަމަށާއި އެތަހްގީގް ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ތަހްގީގްކުރުމަށް ދެކޮޅު ހައްދަވަމުން އިސްރާއީލުގެ ހާރިޖިއްޔާގެ ތަރްޖަމާން ވަނީ މިތަހުގީގުތައް މިހާރު ވެސް ވަނީ ކޮށްނިމި އިސްރާއީލާ ދެކޮޅަށް ރިޕޯޓް ވެސް ލިޔެފައި ކަމަށާއި ދެން އޮތީ މިރިޕޯޓްގައި ހަމައެކަނި ސޮއިކޮށް އިސްރާއީލު "ކަތިލުމުގެ މަރްހަލާފެށުން" ކަމަށް ވިދާޅުވެ އދ. ގެ މި މަސައްކަތްތަކަށް ވަރަށް ބޮޑަށް މަލާމާތާއި ފުރައްސާރަ ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

އިސްރާއީލަކީ ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އެތައް ގަތްލުއާންމުތަކެއް ހިންގާފައިވާކަން އދ. ގެ ތަހްގީގްތަކުން ވެސް އެތައް ފަހަރަކު ސާބިތުވެފައިވާ އަދި ގާނޫނުން ބޭރުގައިވާ ރޫގް ނޭޝަން ނުވަތަ ޝައިތާނީ ދައުލެތެކެވެ. ނަމަވެސް ބައިނަލްއަގްވާމީ މަހްފަލްތަކުގައި އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކުގެ ހިމާޔަތާއި ރައްކާތެރިކަން އިސްރާއީލަށް ލިބިފައިވާތީ އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގައި ނޫނީ އިސްރާއީލުގެ ވެރިން ބައިނަލްއަގްވާމީ އިންސާފުގެ ކުރި މައްޗަށް ހާޒިރު ކުރުމުގައި ބައިނަލްއަގްވާމީ މުޖްތަމައުވަނީ ނާކާމިޔާބުވެފަ އެވެ.

އިސްރާއީލުގެ ސިފައިން އެންމެފަހުން ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ތަހްގީގްކުރުމަށް އިސްރާއީލުގެ ސަރުކާރުން ދެކޮޅު ހަދާއިރު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ވަނީ މިކަމަށް މަރްޙަބާ ކިޔާފަ އެވެ.

ހަމާސްގެ ތަރްޖަމާން ސާމީ އަބޫޒުހުރީ ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވަނީ ޔަހޫދީންނާ ދެކޮޅަށް ނާޒީ ޖަރުމަނުން ހިންގި ކަމަށް ޔަހޫދީން ބުނާ ހޮލޮކޯސްޓަށްވުރެވެސް އަނިޔާވެރި އަދި ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށާއި މިޖަރީމާތައް ތަހުގީގު ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހަމާސުން ތަރްހީބުދީ އެކަމަށް އެއްބާރުލުންދޭނެ ކަމުގަ އެވެ.

ޣައްޒާގައި އިސްރާއީލުން ހިންގާފައިވާ ގަތްލުއާންމުތަކުގެ ފަހަތުގައިވާ އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ވެރިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހާޒިރު ކޮށް އިންސާފު ގާއިމްކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެގަތްލުއާންމުގައި ޝަހީދުކޮށްލެވުނު މީހުންގެ އާއިލާތަކާއި ފަލަސްތީނުގެ އެންމެހާ ރައްޔިތުން ތިބި ކަމަށް ވެސް ހަމާސްގެ ތަރްޖަމާން ވިދާޅުވި އެވެ. އިސްރާއީލުން ގައްޒާގައި ހިންގި ގަތްލުއާންމުތަކުގައި ފަލަސްތީނުގެ 19 އާއިލާއެއް އެއްކޮށް ފަނާކޮށް ނެތިކޮށްލާފައިވެ އެވެ. އަދި އެތައްސަތޭކަ އާއިލާއެއްގެ ގިނަ މެންބަރުން ޝަހީދުކޮށްލާފައިވެ އެވެ.

ގައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާފައިވާ ގަތްލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތަކަކީ ފަހުގެ ތާރީހެއްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ގައުމެއްގެ ސިފައިންގެ ނިޒާމީ ލަޝްކަރުތަކަކުން އަނެއް ގައުމެއްގެ ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު އެންމެ ބޮޑު ޖަރީމާތައް ކަމަށް އިސްރާއީލުގެ އަނިޔާވެރި އަމަލުތަކުގެ މަންޒަރު ދެކެފައިވާ މީހުން ސިފަކޮށްފައިވެ އެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ ހައިކޮމިޝަނަރު ނަވީ ޕިއްލޭވެސް ވަނީ އިސްރާއީލުން ގައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވާފަ އެވެ.

އިސްރާއީލުން ހިންގާ ޖަރީމާތައް ތަހުގީގު ކުރުމުގައި އދ. އަށް އެއްބާރުލުން ދިނުމަށް އެމެރިކާ އާއި ވިލާތުގެ ބޮޑެތި ގައުމުތައް ފަސްޖެހެމުންދާއިރު އިންސާނީ ހައްގުތަކުގެ ނަމުގައި އެންމެ ބޮޑަށް އަޑުއުފުލާ އެމެރިކާ ވަނީ ގައްޒާގައި އިސްރާއީލު ހިންގި ޖަރީމާތައް ތަހުގީގު ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ނެގި ވޯޓަށް ވެސް ދެކޮޅުހަދައި އެކަމަށް ހުރަސް އެޅުމަށް ވެސް ނާކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި ގައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލުން ގަތްލުއާންމުތައް ހިންގަމުން ގެންދަނިކޮށް އެމެރިކާވަނީ އެކަން އެނގިހުރެ އިސްރާއީލަށް އެތައް މިލިޔަން ޑޮލަރެއްގެ ހަތިޔާރު ވެސް ފޯރުކޮށްދީފަ އެވެ.

އިސްރާއީލުން ގައްޒާގައި ހިންގާފައިވާ ޖަރީމާތައް ބަލައި ތަހުގީގު ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލާފައިވާއިރު އަންނަ އަހަރުގެ މާޗް މަހު މިކަމާ ބެހޭ ތަފްސީލީ ރިޕޯޓެއް އެކައުންސިލަށް ހުށަހެޅޭ ވަރަށް ތަހުގީގުތައް ކުރިޔަށް ގެންދިޔުމަށް އެކޮމިޓީން ވަނީ ނިންމާފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ގެންދަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މިތަހުގީގަށް ހުރަސްއެޅުމަށްޓަކައި އެމެރިކާއި ޔޫރަޕްގެ ބޮޑެތި ބާރުތަކާ ގުޅިގެން ޑިޕްލޮމެޓިކް ގޮތުން ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށްޓަކައި ގައުމުތަކުގެ ސަރުކާރުތަކަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އެމެރިކާ އާއި ޔޫރަޕްގައި ހަރަކާތްތެރިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީ ގްރޫޕްތައް ހަރަކާތްތެރިވަމުންދާއިރު އިސްރާއީލު ގެންދަނީ ހުޅަނގުގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ނުފޫޒުގަދަ މެންބަރުން އިސްރާއީލަށް ގެނަސް މިތަހުގީގު ހުއްޓުވައިދިނުމަށް އެދި އެ މެންބަރުންނާ ވާހަކަ ދައްކައި ފައިސާ އާއި ރިޝްވަތުގެ ހުތުރު އަމަލުތަކުގެ ބޭނުން ވެސް ހިފަމުންނެވެ.

އިސްރާއީލުން ގަތްލުއާންމުތަކާއި މީހުން މެރުމުގެ ޖަރީމާތައް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގުމަށްފަހު ޔޫރަޕްގެ ލީޑަރުން މައިތިރި ކުރުމަށް ބޭނުންކުރާ ސްޓްރެޓެޖީއަކީ ޔޫރަޕުން ދެވަނަ ބޮޑުހަނގުރާމައިގާ ޔަހޫދީންނާ ދެކޮޅަށް ހޮލޮކޯސްޓް ހިންގާފައިވާތީ ދެން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހޮލޮކޯސް ފަދަ އެއްވެސް ޖަރީމާއަކާ ބެހޭގޮތުން ޗުއްޕު ވެސް ބުނުމުގެ ހައްގު ޔޫރަޕްގެ ލިޑަރުންނަށް ނޯންނާނެ ކަމެވެ. މިސްޓްރެޓެޖީ ބޭނުންކޮށްގެން އިސްރާއީލުވަނީ ދެވަނަ ބޮޑުހަނގުރާމައަށް ފަހު ޔޫރަޕާއި އެމެރިކާ ބްލެކްމޭލް ކޮށްފައި ކަމަށް މުޙައްލިލުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)