ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުން ރެއާލް މެޑްރިޑް ޔޫއެފާ ސުޕާ ކަޕް އުފުލާލައިފި އެވެ.

ވޭލްސްގެ ކާޑިފް ސިޓީ ސްޓޭޑިއަމްގައި މިއަދު ކުޅުނު މި މެޗުގައި އެންމެ ފަހުގެ ޔޫރޮޕާ ލީގު ކާމިޔާބުކުރި ސެވިއްޔާ އަތުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް މެޑްރިޑް މޮޅުވީ 2-0 ލަނޑުންނެވެ. މިރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ފޯރިގަދަ މި މެޗު ބެލުމަށް 33،500 ސަޕޯޓަރުން ކުޅި ބަލަން ވަން އިރު، މެޑްރިޑްގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ ލަވަ ކިޔުމާއެކު، އުފާފާޅުކުރަމުންދިޔަ މަންޒަރެވެ. މެޑްރިޑާ ހިލާފަށް މެޗުގައި ސެވިއްޔާ ކުޅުންތެރިން އުޅުނީ މެޑްރިޑްގެ ކުޅުން ހުއްޓުވުމުގައި ވަރަށް ބުރަކޮށެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ސެވިއްޔާގެ ގޯލު ރޮނާލްޑޯ ހުޅުވާލީ އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ ގެރެތު ބޭލް ނަގައިދިން ހިތްގައިމު ހުރަހަކުންނެވެ. ބޭލްގެ ނުރައްކާތެރި ވާތުފައިން ނަގައިދިން ހުރަސް ރޮނާލްޑޯ ފޮނުވާލީ ކޮންޓްރޯލް ކުރުމަަކާ ނުލައި އެއް ޝޮޓުންނެވެ.

ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ރޮނާލްޑޯގެ ދެވަނަ ލަނޑު ފެނިގެންދިޔަ އެވެ. ސެވިއްޔާގެ ދެ ޑިފެންޑަރުން ރޮނާލްޑޯ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ އެއްވެސް ކުށަކާ ނުލައި ސެވިއްޔާގެ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އެ ލަނޑަށްފަހު، ސެވިއްޔާއަށް ގިނަ އުނދަގޫތަކެއް ކުރިމަތިވީ ނަމަވެސް، މެޑްރިޑް އަތުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ. މުޅި މެޗުގައި ސެވިއްޔާއަށް ކުރިމަތިލާން ޖެހުނީ ވަރުގަަދަ މެޑްރިޑްގެ ޓީމަކާ އެވެ.

މެޗަށް ފަހު ސެވިއްޔާއަށް ރިހި މެޑްލް އަދި މެޑްރިޑަށް ރަން މެޑެލާއި ސުޕާ ކަޕްގެ ޓްރޮފީ ހަވާލުކޮށްދެއްވީ ޔޫއެފާގެ ރައީސް މިޝެލް ޕްލެޓިނީ އެވެ.