މަހަށްދިޔަ ދ. ހުޅުދެލީ މީހަކު ކަންނެއްޔެގައި ދާވަނި އަޅުވަން އުޅެނިކޮށް ދޮށީގެ ކަންވާރު ކަރުގައި އޮޅި ކަންނެއްޔާއެކު މޫދަށް ވެއްޓި ކަރުން ބޮޑު ބައް ކަފައިގެން ގޮސް ޒަހަމް ވެއްޖެ އެވެ.
މިހާދިސާ ދިމާވީ ހުޅުދެލީ، ރިނބުދޫގޭ އަހުމަދު ހަލީލު 25، އަށެވެ.

ހަލީލް މިއަދު ބުނީ މިދިއަ ބުދަ ދުވަހު ހެނދުނު ބޮޑު ކަންނެއްޔަށް ނުކުމެ ހުޅުދެލީ ބޭރުގައި ދޮށި އަޅައިގެން ބޮޑު ކަންނެލި ބާނަމުން ދަނިކޮށް އެހެން މީހެއްގެ ދޮށީގައި ގަތް ކަންޏެއްޔެއް ދޯންޏަށް ނަގަން އުޅުމުގެ ތެރޭ އޭނާގެ ކަރުގައި ކަންވާރު އޮޅުނީ ކަންނެލީގައި ދާވަނި އަޅުވަން އުޅެނިކޮށް ކަމަށެވެ. އޭނާ އަދި ބުނީ ކަންނެލި ގަނެފައިވާ ދޮށީގެ ކަންވަރު އޭނާގެ ކަރުގައި އޮޅުނު ވަގުތު ކަންނެލި މޫދަށް ދޫވުމުން އަޑިޔަށް ދިޔައީ އޭނާ ވެސް ގޮވައިގެން ކަމަށެވެ.
"އަޅުގަނޑަކަށް ވެސް ނޭނގެ ކަންވާރު އަޅުގަނޑުގެ ކަރުގައި އޮޅުނު ގޮތެއް. ކަރަށް ވާންވެގެން ދިޔަ ވަގުތު އަޅުގަނޑު ކަންނެއްޔާ އެކީ މޫދަށް ވެއްޓުނީ. ދެން އަޅުގަނޑު ގޮވައިގެން އޭތި އަޑިޔަށް ދިޔައީ." އޭނާ ބުންޏެވެ.

ހަލީލު ބުނީ ދޯނި މީހުންނަށް ފުރަތަމަ ހީކުރެވުނީ އޭނާ ފުންމާލީ ކަމަށެވެ. ނަމަވެސް ހަބަރެއް ނުވެ އިރުކޮޅެއް ވުމުން އޭނާ ނެގީ ދޯނިން މީހުން ކަނޑަށް ފުންމާލައިގެން ކަމަށެވެ.

"ކަންވާރު އިން ދޮށި އިނީ ދޯނީގައި. ކަންވާރުގެ މެދުން އިނީ އަޅުގަނޑު ކަރުގައި އެއްކޮށް އޮޅިފައި ކަންނެލި އިނީ އަޑީގައި. އޭތި ވާން ކުރަމުން ދިޔަ ވަރަކަށް އަޅުގަނޑުގެ ކަރު ދިޔައީ ކެފެމުން،" އޭނާ ބުންޏެވެ.

ބުދަ ދުވަހު ހެނދުނު ގާތްގަނޑަކަށް 8:30 އެހާކަންހިރު ހިނގި ހާދިސާގައި ހަލީލުގެ ކަރުން ދެ އިންޗިހާތަން ކަފައިގެން ގޮސް ފައި ވެއެވެ. ނަމަވެސް ރަށަށް އައިސް ފާރުވާ ދިނުމުން މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ހަލީލު ބުންޏެވެ.