މޫނުނިވާކޮށްގެން ތިބި ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުގެ މެރީޑިއާމް ސާވިސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފަޅާލައި ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ މެރީޑިއަމްގެ އޮފީސް ފަޅާލާފައި ވަނީ އިއްޔެރޭ ފަތިހު 4:00 އެހައިކަންހާއިރު ކަމަށާއި އެތަނުގެ ތިޖޫރީ ފަޅާލައިގެން 380،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށްނަގާފައިވާ ކަމަށެވެ.

ތިޖޫރީގައި ހުރި ފައިސާގެ އިތުރުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ވަތްގަނޑުގައި ބަހައްޓާފައި ހުރި ފައިސާތަކެއް ވެސް ވަގަށް ނަގާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މެރީޑިއަމްގެ އޮފީހުގެ ތަޅު ހަލާކުކޮށްލާފައި --- ސަން ފޮޓޯ


އޭނާ ވިދާޅުވީ މޫނު ނިވާކޮށްގެން ތިބި މީހުން އެތަނުން ވައްކަންކޮށްފައި ވަނީ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލުމަށް ފަހު ކަމަށާއި، އެމީހުން ކެމެރާތައް ހަލާކުކޮށްލި މަންޒަރު ރެކޯޑުކުރެވިފައިވާ ކަމަށެވެ.

"މޫނު ނިވާކޮށްގެން ތިބި ބަޔަކު އެތަނުން ވައްކަން ކޮށްފައި ވަނީ. ސީސީ ޓީވީ ކެމެރާގެ ފުޓޭޖް ތަކަށް ބެލުމުން އެކަން އެނގޭ. ވައްކަން ކުރުމުގެ ކުރިން އެމީހުން ވަނީ ސީސީޓީވީ ކެމެރާތައް ވެސް ހަލާކުކޮށްލާފައި. އަދި އޮފީހުގެ އެކިއެކި ތަކެއްޗަށް ވަނީ ގެއްލުންދީފައި،" ރިޔާޒު ވިދާޅުވި އެވެ.

އޮފީސް ފަޅާލުމުގެ އިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތިލަފުށީގައި ހުރި އެ ކުންފުނީގެ ގުދަނެއް ފަޅާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މަޑިފުށީގައި އޮތް އެ ކުންފުނީގެ ދެ ބޯޓަކަށް އެކިވަރުގެ ގެއްލުންދީފައިވާ އިރު، އެރަށު ސްކޫލަށް އޭނާ ހަދިޔާކުރެއްވި ވެހިކަލަކަށް ވެސް ގެއްލުންދީފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެހެންކަމުން މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މެރީޑިއަމްގެ އޮފީސް ފަޅާލާފައި ވަނީ ދުރާލައި ތަނުގެ މައުލޫމާތު ހޯދައިގެން. މިކަންކަމަކީ ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލުތަކެއް،" ރިޔާޒު ވިދާޅުވި އެވެ.
މެރީޑިއަމްގެ ތިޖޫރި ފަޅާލާފައި --- ސަން ފޮޓޯ


އޭނާ ވިދާޅުވީ މެރީޑިއަމްގެ އޮފީސް ފަޅާލުމުގެ ސަބަބުން މިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނު 9:00 އެހައިކަންހާއިރު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މެރީޑިއާމްގެ އޮފީސް ފަޅާލައި އެތަނަށް ގެއްލުންދީފައި --- ސަން ފޮޓޯ