ދިރާގު ދިވެހި ލީގުގައި ކްލަބު ވެލެންސިއާ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ. ވެލެންސިއާގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން ވެސް އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.

މެޗުގެ އެންމެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ އޭވައިއެލް އިންނެވެ. މެޗުގެ ފަސްވަނަ މިނެޓްގައި އޭވައިއެލްގެ ބަހާޖަތު އަބްދުލް އަޒީޒް އުފެއްދި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއަށް ވެސް ފުރުސަތެއް ލިބުނެވެ. މެޗުގެ 34 ވަނަ މިނެޓްގައި އަހްމަދު ރިލްވާން އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭވައިއެލްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވިފައެއް ނުވެއެވެ. އޭވައިއެލްގެ ޑިފެންޑަރުން ކައިރިން ވެލެންސިއާ ކުޅުންތެރިންނަށް ސަލާމަތް ނުވެވުނު އިރު، އޭވައިއެލްގެ ފޯވާޑުންނަށް ވެސް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ނުވަ މެޗުން ލިބުނު 24 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ނުވަ މެޗުން ލިބުނު 22 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ނުވަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސް އެވެ. ނުވަ މެޗު ކުޅެ ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ނުވަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ނުވަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ނުވަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ނުވަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު، ލީގު އަލުން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ. ހުކުރު ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އަދި ހުކުރު ދުވަހުގެ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އެވެ.