ވެރިކަމަށް އައުމަށްޓަކައި ޕީޕީއެމް އިން ވި ވައުދުތަކާ ޚިލާފުވެފައިވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 12،13 ގައި ފާހަގަ ކުރަމުންދާ "ކަޅުހުކުރު" ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރު ހިންގާނީ ކޯލިޝަނުން ކަމަށް ވިދާޅުވެ ދެއްކި ވާހަކައަކީ ވެސް އޮޅުވާލުމެއް ކަމަށެވެ.

"މިއަދު މި ފެންނަ ހަގީގަތީ އެ އިއްތިހާދު އެ ބޭފުޅުން [ޕީޕީއެމް އިން] ނުހިފެހެއްޓި، އެ ބޭފުޅުނަށް ވޯޓު ހޯދެއްވުމަށް ދެއްކެވި ވާހަކަތަކެއް ކަން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް އެހެން ގައުމެއްގެ ނުފޫޒެއް ނައިސް ހިފައްޓާނެ ވެރިކަމެއް ގާއިމުކޮށްދޭނެ ކަމަށް ޕީޕީއެމް އިން ބުނި ނަމަވެސް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންތައް ކަނޑައެޅުމުގެ ބިލަކީ "ބޭރުގެ ނުފޫޒުތަކަށް" ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް އޮޅުވާލާފައިވާ ބޮޑު އޮޅުވާލުންގަނޑެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ސްޕެޝަލް އިކްނޮމިކް ޒޯންގެ ބިލެއްގެ ވާހަކަ އެބަ އަޑުއިވޭ. އެ ބިލުގައި އެފަދަ ޒޯނެއްގައި ބޭރު ފަރާތްތަކަށް ލިބޭ ބާރުތައް މާ ބޮޑު، މާގިނަ، އައްޑޫ ގައުމު އިނގިރޭސިނަށް ކުއްޔަށް ދީފައި އޮތް އިރުގައި އިނގިރޭސި ދައުލަށް އެ ގައުމުގައި ލިބިދީފައި އޮތް ބާރުތަކަށް ވުރެ، " ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ދައްކާފާނެ ބިރަކަށް އެމްޑީޕީ މެމްބަރުން ފަހަތަށް ނުޖެހޭނެ ކަމަށާއި އެމްޑީޕީގެ ހަރަކާތްތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބިރު ގަންނާނީ އެންމެ ފަރާތެއް ދެކެ، ގަދަ ކީރިތި ވަންތަ މާތް ރަސްކަނލާގެ ފިޔަވާ އަޅުގަނޑުމެން އިރާދަކުރެއްވިޔާ ބިރު ގަންނާނެ ފަރާތެއް ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ގައިގަ އަލަކުން އަޅުވާނެ ބިޑިއެއް މި ސަރުކާރަކުނުވާނެ، "ނަޝީދު ވިދާޅުވި އެވެ.