ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި، ޕޮލިސް ކުލަބާ ވާދަކޮށް ސީދާ ތިން ސެޓުން ދިވެހި ސިފައިންގެ ކުލަބު (ޑިއެސްސީ) މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ދިވެހި ސިފައިން ކްލަބުން ގެންދިޔައީ 22-25 ޕޮއިންޓުންނެވެ. އަދި ދެވަނަ ސެޓް 21-25 ޕޮއިންޓުން ގެންދިޔައިރު، ތިންވަނަ ސެޓް ގެންގޮސްފައިވަނީ 24-26 ޕޮއިންޓުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޑީއެސްސީގެ އިސްމާއިލް ސާޖިދެވެ.

މި މުބާރާތުގެ ދެވަނަ ބުރު ފަށާ ތާރީހެއް ވޮލީބޯޅަ އެސޯސިއޭޝަނުން ފަހުން އިއުލާންކުރާނެ އެވެ.

އޭގެ އިތުރުން މާދަމާ ފަށާ އެސޯސިއޭޝަން ކަޕްގައި ޑީއެސްސީ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ނުކުންނާނީ ޔޫތު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.