މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ހިންގަން ހަމަޖެހިފައިވާ ހަރަކާތްތައް އިފްތިތާހުކޮށްފި އެވެ.

"ދުޅަހެޔޮ ސިއްހަތަކަށް އެންމެންއެކީ" މިޝިއާރުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކުވެނި ޓްރެކްދަނޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މިރޭ އިފްތިތާހު ކުރެވުނު ހަރަކާތްތައް މާދަމާ އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 5:45 އިން 6:45 އަށް މާފަންނު ޔޫތު ސެންޓަރުގެ އައުޓްޑޯ ސަރަހައްދާއި ހެންވޭރު އަޑިޕާކުގެ އިތުރުން އެކުވެނި ޓްރެކް ދަނޑުގައި ޔޯގާގެ އެކި ޕްރޮގުރާމްތަކާއި ޒުންބާގެ އިތުރުން ޖިމްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ދާދިފަހުން ރާއްޖޭގައި ކުރެވުނު ދިރާސާއެއް ދައްކާގޮތުން ދިވެހީން އާދަޔާޚިލާފަށް ފަލަވެފައިވާ ކަމަށާއި އެހެންކަމުން ކަސްރަތުގެ ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޕޮރޮގްރާމްތައް އަމާޒު ކޮށްފައި ވަނީ ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް މުހިންމު ވަގުތެއްގައި މިފަދަ ޝިއާރެއް، މިފަދަ ޕްރޮގްރާމެއް ހިންގުމަކީ. ވަރަށް ފަހުން ރާއްޖޭގައި ކުރެވުނު ދިރާސާއެއްގައި އާދަޔާޚިލާފަށް ދިވެހިން ވަނީ ފަލަވެފައި. އަދި މިރޭ މިފެށުނު ޕޮރޮގްރާމް އަމާޒް ކޮށްފައި ވަނީ ކުދި ބޮޑު އެންމެހާ ރައްތިތުންނަށް،" މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުޅަހެޔޮ ސިއްހަތެއް ބިނާކުރެވޭނީ ރަނގަޅަށް ކަސްރަތު ކުރެވިގެން ކަމަށާއި ރަނގަޅު ކަސްރަތަކާއެކު ނޫނީ ރަނގަޅު ތަނަވަސްކަމެއް ނުލިބޭނެ ކަމަށެވެ.

މިރޭ އިފްތިތާހު ކުރެވުނު ޕްރޮގްރާމަކީ ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ އަސާސްތަކާ އެއްގޮތަށް ކުރިއަށްގެންދެވޭ ހަރަކާތްތަކެއް ކަމަށް ވެސް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.

"މިސަރުކާރުގެ ކުޅިވަރުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމު އެއް އަސާސަކީ ހަށިހެޔޮގައުމް، އުފާވެރި މުޖުތަމައު، ކާމިޔާބު ޒުވާނުން. މި ޕޮރޮގްރާމްގެ ސަބަބުން ކޮންމެ ދިވެއްސަކީ ވެސް ވަރަށް ދުޅަހެޔޮ ރައްޔިތަކަށް ވެގެން ދާނެ. މި ޕޮރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާ އިސްޓްރަކްޓަރުން ތަމްރީން ކުރުމަށް ވެސް ވަނީ ހަމެޖެހިފައި،" މިނިސްޓަރު ވިދަޅުވި އެވެ.

އެ ޕްރޮގްރާމް މިރޭ ހަމައެކަނި މާލޭގައި އިފްތިތާހު ކުރިނަމަވެސް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް މިއަހަރުގެ ފަހުކޮޅު ވަރަށް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ.