ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދައުރު އިގްތިސާދުގައި ފުޅާކުރުމަށް ރާއްޖޭގެ ހަ ސަރަހައްދެއްގައި "ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރު"ތަކެއް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ދެ ސަރަހައްދެއްގައި އެކަމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރުތަކެއް ގާއިމުކުރުމުގެ އަމަލީ މައްސަކަތް މިއަދު ފަށާފައި ވަނީ، ހދ. ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި ކަމަށެވެ. އެގޮތުން އެ ދެ ސަރަހައްދުގައި ގާއިމް ކުރާ ސެންޓަރުތަކަށް މުވައްޒުން ހޯދައި އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތް މިހާރު ފަށާފައި ވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ރާއްޖޭގެ 6 ސަރަހައްދެއްގައި ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރުތަކެއް ޤާއިމްކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ އުތުރުން ހދ. ކުޅުދުއްފުށި، އަދި ދެކުނުން އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރާ ބިޒްނަސް ޑިވެލޮޕްމަންޓް ސެންޓަރުތަކަށް ބޭނުންވާ މުވައްޒުން ހޯދާ، އެމުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް މިއަދު 12 އޮގަސްޓް 2014 ގައި ވަނީ ފަށާފަ އެވެ،" އިކޮނަމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ވިޔަފާރި ކުރިއަރުވާ މަރުކަޒުތަކަށް ހޯދާ މުވައްޒަފުންނަށް ދޭ ތަމްރީނުތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމައިލެވޭނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ބިޒްނަސް ޑިވެލޮމަންޓް ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބިޒްނަސް ކޮންސަލްޓެންސީ ފޯރުކޮށްދިނުމާއި ވިޔަފާރިތަކަށް ބޭނުންވާ ޓްރެއިންނިންގް ޕްރޮގްރާމްތައް ހިންގުން ހިމެނެ އެވެ. އަދި ވިޔަފާރިތަކަށް ބޭނުންވާ މާލީ ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ލުއި ލޯނު ހޯދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަލަށް ވިޔަފާރިއެއް ފަށައިގަންނަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ވިޔަފާރި ކުރިއަރުވާ މަރުކަޒުތަކުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެ އެވެ.