12 Aug 2014, 22:09
މި މަހު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ގައުމީ ހޭންޑްބޯލް މުބާރާތް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
ގައުމީ ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ފުރަތަމަ މި މަހު ހަތްވަނަ ދުވަހު ހަމަޖެއްސި ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކަށްޓަކައި، އެ މުބާރާތް ވަނީ މި މަހުގެ 10 ވަނަ ދުވަހު ފަށާގޮތަށް ފަސްކޮށްފަ އެވެ.
'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ހޭންޑްބޯލް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ، ކުރިން 10 ވަނަ ދުވަހުގެ ބާއްވަން ހަމަޖެހިފައިވާ މުބާރާތް މިހާރު މި މަހުގެ 15 އިން 22 އަށް ކުރިއަށްދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
"ކުރިން އަޅުގަނޑުމެންނަށް ނެތް ސްޕޮންސާއެއް ލިބިފައެއް. މިހާރު ބަޔަކު ވަނީ މުބާރާތް އެކްސްކްލޫސިވް ސްޕޮންސާ ނަގާގޮތަށް ނިންމާފައި. މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ތައްޔާރުވުމަށް އިތުރަށް ފުރުސަތު ދިނުމަށާއި މުބާރާތް ސްޕޮންސާކުރައްވާފައިވާ ފަރާތުން ވެސް އިތުރަށް ވަގުތު ބޭނުންވާތީ އަޅުގަނޑުމެން މުބާރާތް ފަސްކުރީ،" މުޖޭ ވިދާޅުވި އެވެ.
ކުރިން ހެންވޭރު ދަނޑުގައި މުބާރާތް ބާއްވާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް، މިހާރު އެ މުބާރާތް ބާއްވާގޮތަށް ހަމަޖެހިފައިވަނީ ޕީކޭ ދަނޑުގައެވެ.
ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކުރާނެ އެވެ. ފިރިހެން ޑިވިޝަނުގައި ތިން ޓީމު ބައިވެރިވެފައިވާ އިރު، އަންހެން ޑިވިޝަނުގައި ވެސް ތިން ޓީމު ވަނީ ބައިވެރިވެފައެވެ.