12 Aug 2014, 21:59
ކީރިތި ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ހދ. ނޭކުރެންދޫ ރައްޔިތުންނަށް ހާއްސަކޮށްގެން އެރަށު ކައުންސިލުން ގާރީކޯހެއް ފަށައިފި އެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން މިއަދު 'ސަން' އަށް ވިދާޅުވީ ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށްގެންދާ ލެވެލް އެކެއްގެ ގާރީ ކޯހުގައި ބައިވެރިމުމަށް ހުޅުވާލި ފުރުސަތުގައި އެރަށުގެ 14 އަހަރުން މަތީގެ 91 މީހަކު ބައިވެރިވެފައިވާ ކަމަށާއި އެ ކޯހުގައި ކިޔަވައިދެއްވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ކޯހެއް ރަށުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ އެރަށު ރައްޔިތުންގެ ހިތުގައި ގުރުއާނާމެދު ލޯބި ޖައްސައި އެ ރައްޔިތުން ގުރުއާނަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މުޅި ހދ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ގުރުއާން މުބާރާތުގައި ރަށަށް ރަނގަޅު ވަނައެއް ހޯދުމަށް މީހުން ތަމްރީނުކުރުމަކީ ވެސް އެމުބާރާތް ބޭއްވުމުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަން ރަށު ރައްޔިތުންނަށް މިފަދަ ފުރުސަތުތަށް ހޯދައިދޭން. އެގޮތުން މި ގާރީކޯސް ވެސް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަށު ރައްޔިތުންގެ ހިތުގައި ގުރުއާނާމެދު ލޯބި ޖައްސައި އެ ފޮތަށް ރައްޔިތުން އަހުލުވެރި ކުރުވުން،" ސިޒާން ވިދާޅުވި އެވެ.
ޖުމްލަ ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެމަސް ދުވަހުގެ މުއްދަތަކަށެވެ.