12 Aug 2014, 21:50
ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ޖަމިއްޔާ ތަކާ ބެހޭ ގާނޫނަކީ މިހާރުގެ ގާނޫނު އަސާސީއާ ފައިހަމަވާ ގާނޫނެއް ނޫން ކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ޔޫއެންޑީޕީ ގުޅިގެން އަލަށް އެކުލަވައިލުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ބިލާ މެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން ނިންމުމުގެ ގޮތުން ސޯލްޓް ރެސްޓޯރެންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ، ރާއްޖޭން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތަކާ ވެސް އެ ގާނޫނު ފައިހަމަ ނޫން ކަމަށެވެ.
"...މިހާރު އަމަލުކުރަމުންދާ ޖަމިއްޔާތަކާ ބެހޭ ގާނޫނަކީ 2003 ވަނަ އަހަރު އަމަލުކުރަން ފެށިފައިވާ ގާނޫނެއް. ދޭވްގެ ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވި ފަދައިން 2008 ވަނަ އަހަރު އަޅުގަނޑުމެން އަމަލުކުރަން ފެށި ގާނޫނު އަސާސީއާ ފައިހަމަ ގާނޫނެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަދި އަޅުގަނޑުމެން ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތައް، 2006 ވަނަ އަހަރު އަޅުގަނޑުމެން ބައިވެރިވި އައިސީސީޕީއާރާ ވެސް ފައިހަމަ ގާނޫނެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަނިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު އޮތް ޖަމިއްޔާތަކާ ބެހޭ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ޓްރާންސްޕޭރެންސީއާއި އެ ޖަމިއްޔާގެ ބައިނަލް އަގުވާމީ ބައިވެރިން ގުޅިގެން އެކުލަވައިލާ ބިލު ސަރުކާރަށް ހަދިޔާކުރުމުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
" ...އަޅުގަނޑުމެން މިކަމަށް ޓަކައި ހަމަ ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ޝުކުރު ދަންނަވަން. އެ ބޭފުޅުން ހަމަ ވަރަށް ޖެނެރަސްލީ އެދިވަޑައިގެންފައި ނުވަތަ ހަށަހަޅުއްވާފައި އޮތީ މިމަސައްކަތުގެ ތެރެއިން ތައްޔާރުކުރެވޭ ބިލު ސަރުކާރަށް ހަދިޔާކުރައްވާނެ ކަމަށް. އަޅުގަނޑުމެން ވެސް އޮންނާނީ ޔަގީންކަން އަރުވާފައި އެ ބިލަށް ހިންގަން ޖެހޭ އިތުރު ކޮންސަލްޓޭޝަނެއް ހިންގަން އޮތިއްޔާ ހިންގުމަށް ފަހު މަޖިލީހަށް ހުށަހަޅާނެ ކަމުގެ،" އޭޖީ ވިދާޅުވި އެވެ.