31 Mar 2010, 11:48
14:30
ހދ. ހަނިމާދޫ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހި ރޭވިފައިވާ ގޮތުން ހަނިމާދޫން މީހުން ބަދަލުކުރަން ނުޖެހޭކަމަށް ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއާމަން ވިދާޅުވެއްޖެ އެވެ.
ހދ. ހަނިމާދޫ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުނިން ހުށަހަޅާފައިވާ އިތުރު ހުށަހެޅުންތަކެއްގެ ތަފްޞީލު މަޢްލޫމާތު، ޕްރައިވަޓައިޒޭޝަން ކޮމިޓީން ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ދެއްވަމުން ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން އަދި މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީ ވިދާޅުވީ އިންޑިޔާގެ ޖީ.އެމް.އާރު އިން މި މަޝްރޫޢު ވަނީ ދެ ފިޔަވައްސަކަށް ބަހާލާފައި ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 2.8 ކިލޯމީޓަރުގެ ރަންވޭއެއް ބިނާކުރެވޭނެ ކަމަށާއި ފުރަތަމަ ފިޔަވަހި ރޭވިފައިވާ ގޮތުން ހަނިމާދޫން މީހުން ބަދަލުކުރަން ނުޖެހޭކަން އެމަނިކުފާނު ހާމަކުރެއްވި އެވެ. ދެވަނަ ފިޔަވައްސަށް ދިޔުމަށް ހަމަޖެހިފައި ވަނީ، އެކަށީގެންވާ ވަރަށް ފަސިންޖަރުން ދަތުރުކުރަން ފެށުމުން ކަމާއި، 2040 ވަނަ އަހަރު އެ ހިސާބަށްދާނެ ކަމަށް އަންދާޒާ ކުރެވޭކަން ރާޒީ ވިދާޅުވި އެވެ.
އުތުރުގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ތަރައްޤީކުރުމަކީ، ފަތުރުވެރިކަމުގެ ތަރައްޤީގެ ތިން ވަނަ މާސްޓަރ ޕްލޭނުގައި ހިމެނިފައިވާ ކަމެއްކަން މަޙްމޫދު ރާޒީ ފާހަގަކުރެއްވި އެވެ. 2025 ވަނަ އަހަރާ ހަމައަށްދާއިރު، 2.5 މިލިއަން ފަސިންޖަރުން މި ވައިގެ ބަނދަރު ބޭނުންކުރާނެ ކަމަށާއި، އެހެން ނަމަވެސް، މި މިންވަރަށް ފަސިންޖަރުން ބޭނުންކުރާ އެއަރޕޯޓަކަށް ހެދޭނީ، ޖުމްލަ 12،000 އެނދު ތަރައްޤީ ކުރެވިގެން ކަމުގައި މަޙްމޫދު ރާޒީ ވިދާޅުވި އެވެ.
އެއަރޕޯޓްގެ މަޝްރޫޢަށް 330 މިލިއަން ޔޫ.އެސް ޑޮލަރު ޚަރަދުކުރި ކަމުގައި ވިޔަސް، އެއަރޕޯޓްގެ މަޝްރޫޢަށް އެކަނި ބަލައިފިނަމަ، މަޝްރޫޢު ހިންގާ މުއްދަތުގައި ލިބެނީ ޖުމްލަ 370 މިލިއަން ޑޮލަރުގެ ނެގެޓިވް ނެޓް ޕްރެޒެންޓް ވެލިޔުއެއް ކަމުގައި ރާޒީ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެއަރޕޯޓުގެ މަޝްރޫޢުގެ ތެރެއަށް 6،000 އެނދު އިތުރުކުރުމުން، 290 މިލިއަން ޑޮލަރުގެ ޕޮޒިޓިވް ނެޓް ޕްރެޒެންޓް ވެލިޔުއެއް ލިބޭނެ ކަމަށާއި، އަދި އިތުރަށް 90 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.