އެކިއެކި މަސައްކަތްތައް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާ ގުޅޭ ގޮތުން މަޝްވަރާއެއް ފަދަ ގޮތަކަށް ކުރިއަށް ގެންދާ ސެމިނާރެއް ބާއްވަން ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ - އިންޑިއާ މޯލްޑިވްސް(ފޭމް) އިން ރާވައިފި އެވެ.

ފޭމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ދިރިއުޅޭ ސަރަހައްދީ ބައެއް ގައުމުތަކުގެ ރައްޔިތުން ބައިވެރިވާ ސެމިނާރު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ 8:30 އިން 9:30 އަށް ސީއެޗްއެސްސީގެ ހޯލުގައި ކަމަށެވެ. އަދި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނާއި ސްރީލަންކާ ހައިކޮމިޝަނާއި ފިލިޕީންސްގެ ކޮންސިއުލޭޓްގެ އޮފިޝަލުން އެ ސެމިނާރުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ސެމިނާރުގައި ރާއްޖޭގެ އާއްމުންނާއި މީޑިއާ މީހުން ބައިވެރިވުމަށް ފޭމް އިން އެދޭ ކަމަށް ވެސް އެޖަމިއްޔާއިން ބުންޏެވެ.

" ލެޓްސް ޓޯކް" ގެ ނަމުގައި ފޭމް އިން ބާއްވާ އެ ސެމިނާރަކީ އިންޑިއާއާއި ރާއްޖެއާ ދެގައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކުރުމަށް "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލް"ގެ ނަމުގައި މިހާރު ކުރިއަށްދާ ފެސްޓިވަލްގައި ހިމެނޭ ކަމެކެވެ.