12 Aug 2014, 20:48
ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު މަހިބަދޫ ސްޕޯޓްސް ކުލަބް 2-3 ލަނޑުން ބަލިކޮށް ސީޒަންގެ ފުރަތަމަ ތިން ޕޮއިންޓް ބީޖީ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ އަށް ވަނަ މިނެޓުގައި ޖަހި ލީޑް ނެގީ ބީޖީންނެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު މުހައްމަދު އަޖުއަދު އެވެ. އަދި ބީޖީން ލަނޑު ޖެހިތާ 25 މިނެޓް ފަހުން މަހިބަދޫގެ ރޮޑްރިގޭއަށް ރެފްރީ ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އޭނާއަށް ރެފްރީ ރަތްކާޑު ދެއްކީ ބީޖީގެ ސަމާހު ހުސެއިންއަށް ކުރި ފައުލަކާ ގުޅިގެންނެވެ.
އެއް ލަނޑުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް ބީޖިން ނިންމާލި ނަމަވެސް، ދެ ވަނަ ހާފް ފެށިތަނުން މަހިބަދޫން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު މަހިބަދޫއަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ނަޒީރެވެ.
މަހިބަދޫ ޓީމުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިތާ، 17 މިނެޓް ފަހުން އެޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި ބީޖީގެ މައްޗަށް ކުރި ހޯދާފައެވެ. އެލަނޑު މަހިބަދޫއަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ މިދުހަތު އެެވެ. ނަމަވެސް އޭގެ ދެ މިނެޓް ފަހުން ބީޖީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ބީޖީއަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ކުޅެން ނިކުތް އަލީ ހައިޝަމް އެވެ.
ސީޒަންގެ ފުރަތަމަ މޮޅު، ބީޖީއަށް ކަށަވަރު ކޮށްދިން ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި މަހިބަދޫގެ ގޯލަށް ވައްދާލަދިނީ އިބްރާހިމް ހަމްދާން އެވެ. ހަމްދާން އެލަނޑު ބީޖީ ކޮޅަށް ޖެހީ ކުޑޫސް ނެގި ކޯނަރަކުން މަހިބަދޫގެ ޕެނަލްޓީއޭރިޔާ ތެރޭގައި ހުރެ އެއްފަހަރުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
މަހިބަދޫގެ މައްޗަށް ބީޖީން މިއަދު ހޯދި މޮޅާއެކު ލީގުގައި ބީޖީ އޮތީ މިހާތަނަށް އެޓީމު ކުޅުނު ނުވަ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ހަތް ވަނަ މަގާމްގައެވެ. ލީގުގެ އެއް ވަނަ މަގާމް ގައި ނިއު އޮތް އިރު، ދެ ވަނަ މަގާމް ގައި އޮތީ މާޒިޔާއެވެ. އަދި މިއަދު ބީޖީ އަތުން ބަލިވި މަހިބަދޫ އޮތީ 10 ޕޮއިންޓާ އެކު ފަސް ވަނައިގައެވެ. ލީގުގެ އެންމެ ފުލުގައި އަދި ވެސް އޮތީ އޭވައިއެލް އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ 9:00ގައި ކުޅޭ ލީގު މެޗުގައި ބައްދަލުކުރާނީ އޭވައިއެލް އާއި ކްލަބު ވެލެންސިއާ އެވެ.