ރާއްޖޭގެ މެރިން ދާއިރާގެ ތަހުލީލުތައް ކުރާ ތަނެއްގެ ކަމުގައިވާ "ކޮރޭލިއަން ލެބް"އާ އެކު ވިލާ ކޮލެޖުން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ވިލާ ކޮލެޖުގައި މިއަދު މެންދުރުފަހު ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވިލާ ކޮލެޖްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ޑރ. އަހްމަދު އަންވަރެވެ. އަދި ކޮރޭލިއަން ލެބްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮރޭލިއަން ލެބްގެ ސައިންޓިފިކް ޑިރެކްޓަރު ޕްރޮފެސަރު ޑރ. ހަސަން އުގައިލެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަންވަރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށާއި އެއީ މަތީ ތައުލީމާއި މައުލޫމާތު އުފެއްދުމުގެ ދާއިރާގައި ވިލާ ކޮލެޖުން އަޅާ އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި މަތީ ތައުލީމު ދާއިރާގައި މައުލޫމާތު އުފައްދައި، އެ މައުލޫމާތު ފެތުރުމަކީ އެންމެ މުހިންމު އެއްބައިކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކިޔަވައިދެމުން އެބަގެންދަން. އެހެން ނަމަވެސް ރާއްޖޭގައި މައުލޫމާތު އުފެއްދުން، ރިސާޗު އުފެއްދުން، ދިރާސާ ކުރުމުގެ ބައި ވަރަށް ފަހަތުގައި މި އުޅެނީ. އެހެންވީމާ މިއަދު އަޅުގަނޑުމެންނަށް މިކަމާ ބެހޭގޮތުން ދިރާސާ ކުރުމުގައި، ރިސާޗް ކުރުމުގައި ހާއްސަ ފިޔަވަޅެއް އަދި ވަރަށް މުހިންމު ނިންމުމެއް މި ނިންމުނީ. އަދި މިއާ އެކީގައި އަޅުގަނޑުމެން ކޮރޭލިއަން ލެބާއެކު މި ސޮއިކުރީ އަޅުގަނޑުމެން އިތުރަށް ކުރިއަށް ދިއުމަށް. މެރިން ދާއިރާއަކީ ކުރިއަށް ދިއުމަށް ވަރަށް މުހިންމު ދާއިރާއެއް،" އަންވަރު ވިދާޅުވި އެވެ.

ވިލާ ކޮލެޖުގެ ރެކްޓާ ވިދާޅުވީ، ޕްރޮފެސަރު ހަސަން އުގައިލަކީ ރާއްޖޭގައި ދިރާސާ ކުރުމުގެ ކަލްޗާ ގާއިމްކުރެއްވުމަށް ވަރަށް ބުރަ މަސައްކަތެއް ކުރައްވާ ބޭފުޅެއް ކަމަށާއި ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެކަން ވަންހަނާ ވެފައި ނޯންނާނެ ކަމަށެވެ. އަދި އެ މަސައްކަތް ޕްރޮޕެސާ އުގައިލްއާ އެކު ފެށުމަކީ އެ ކޮލެޖަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކަނޑުގެ ދާއިރާއަކީ ދިވެހިންނާ ވަރަށް ގުޅިފައިވާ ދާއިރާއެއް. އާންމުކޮށް މި ކަހަލަ ދިރާސާ ކުރައްވަމުން ގެންދަވަނީ ރާއްޖެއިން ބޭރުގެ ބޭބޭފުޅުން. ކޮރޭލިއަން ލެބްއަކީ އިނގިރޭސި ވިލާތުގައި އެސްޓެބްލިޝް ކޮށްފައިވާ ތަނެއް ކަމަށް ވިޔަސް، ރާއްޖޭގައި އެކަން ކުރިއަރުވަން ޕްރޮފެސަރު އުގައިލް ކުރައްވާ މަސައްކަތް ވަރަށް ބޮޑަށް ފެނިގެންދޭ." އަންވަރު ވިދާޅުވި އެވެ.

މިއަދު ވިލާ ކޮލެޖުގައި އޮތް ރަސްމިއްޔާތުގައި ޕްރޮފެސަރު އުގައިލް މިހާރު ކުރައްވަމުން އަންނަ ދިރާސާއާ ބެހޭ މައުލޫމާތާއި ކޮރޭލިއަން ލެބާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިފަ އެވެ.