ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުކަމަށް ގާނޫނީ ވަކީލު ގ. އަސްމަހި، އަބްދުލް ހަންނާނު އަހްމަދު އައްޔަން ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް ހަންނާނު އައްޔަން ކުރެއްވިކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ކުރިފުޅުމަތީގައި، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ހަންނާނު ކުރެއްވި އެވެ.

ޖޭއެސްސީއަށް އާންމުންގެ ތެރެއިން ކުރިމަތިލާފައިވާ ބޭފުޅުންގެ ތެރެއިން ހަންނާނު އެ ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފައި ވަނީ އިއްޔެ އެވެ.

ޖޭއެސްސީ އަށް ހަނާންނު އައްޔަން ކުރަން ފާސްވީ 44 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ހަންނާނު އައްޔަން ކުރައްވަން ނުފެންނަ ކަމަށް 18 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 12 މެމްބަރުން ތިއްބެވެ.

ހަންނާނަކީ މަދަނީ މައްސަލަތަކުގައި އާންމުކޮށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ދުސްތޫރީ ބައެއް ބޮޑެތި މައްސަލަތަކުގައި ވެސް އޭނާ ކޯޓަށް ވަޑައިގެންފައި ވެއެވެ.

އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ޖޭއެސްސީގައި އިންނަވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.