12 Aug 2014, 15:53
މިއަހަރުގެ މަސްވެރިންގެ ދުވަސް ޅ. ނައިފަރުގައި ފާހަގަ ކުރާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ނައިފަރުގައި ފާހަގަ ކުރާ ގޮތަށް ސަރުކާރުން ހަމަޖެއްސީ އިއްޔެ ކަމަށެވެ. އަދި ނައިފަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ، މަސްވެރިންގެ ދުވަސް ފާހަގަ ކުރާނެ ރަށެއް ކަނޑައެޅުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށްފަހު ހުށަހެޅި ހުށަހެޅުންތަކަށް މާކްސް ދީގެން ކަމަށެވެ.
މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ދ. މީދޫގަ އެވެ.
މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރުމުގެ ބޭނުމަކީ މުޖުތަމައުގައި މަސްވެރިން އަދާކުރާ ދައުރާއި މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒން ކުރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަންފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. ނައިފަރުގައި މިއަހަރު ފާހަގަ ކުރާނީ 34 ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.