12 Aug 2014, 15:42
ޔޫއެފާ ސުޕާ ކަޕުގައި މިރޭ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ޔޫރޮޕާ ލީގު ޗެމްޕިއަން ސެވިއްޔާ ކުޅޭ މެޗުގައި މެޑްރިޑްގެ ވޭލްސް ތަރި ގެރެތު ބޭލް ހުއްޓުވުމަށް ސެވިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ކްލަބުގެ ކޯޗު އުނައީ އެމެރީ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ސޮއި ކުރި ބޭލް ވަނީ އޭނާ އެ ކްލަބަށް ކުޅުނު ފުރަތަމަ ސީޒަނުގައި ކުޅުނު 44 މެޗުން 22 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެ ލަނޑުތަކުގެ ތެރޭގައި މިދިޔަ އޮކްޓޯބަރު މަހު ސެވިއްޔާއާ ދެކޮޅަށް ކުޅެ 7-3 ލަނޑުން މެޑްރިޑް މޮޅުވި މެޗުގައި އޭނާ ކާމިޔާބުކުރި ދެ ލަނޑު ހިމެނެ އެވެ.
"ބޭލް ކަހަލަ ކުޅުންތެރިއަކު އަމިއްލަ ޓީމުގައި ހުރި ނަމަ، ހަމަޖެހިލައިގެން ތިބެވޭނެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ސެވިއްޔާގެ ކޯޗު އެމެރީ ބުންޏެވެ. "އޭނާއާ ދެކޮޅަށް ނުކުންނަ އިރު، އެއަށްވުރެ، މާ ގިނަ މަސައްކަތްތަކެއް ކުރަން މަޖުބޫރުވާނެ. އަހަރެމެން އޭނާ ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭ. މިހާރު ބޭލް ހުއްޓުވަން އަހަރެމެން މި ތިބީ ތައްޔާރުވެގެން. ބޭލްގެ އިތުރުން މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބި ކަން އަހަރެމެން ހަނދާން ނައްތައެއް ނުލާނަން،"
މިދިޔަ މެއި މަހު ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއިން ހޯދީ ފައިނަލުގައި ބެންފީކާ އަތުން މޮޅުވެގެންނެވެ. ޕެނަލްޓީ ޖަހައިގެން ބެންފީކާ އަތުން މޮޅުވި ސެވިއްޔާ މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ހިތްހަމަ ޖެހިގެން ކަމަށް އެމެރީ ބުންޏެވެ.
"ޕްރީ ސީޒަން މެޗުތަކަށް ވުރެ، މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު މުޅިން ތަފާތުވާނެ،" އޭނާ ބުންޏެވެ. "މެޑްރިޑާ ދެކޮޅަށް ނުކުތުމަކީ އަހަރެމެންގެ އެންމެ އުނދަގޫ އަދި އެންމެ ބޮޑު ޗެލެންޖަކަށް ވާނެ. އެ ޓީމަށް ދެކޮޅަށް ކުޅޭ މެޗަކީ އަހަރެމެންނަށް ފައިނަލެއް."
ސްޕެއިންގެ ދެ ކްލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ސެވިއްޔާ ކުޅޭ ޔޫއެފާ ސުޕާ ކަޕް ފަށާނީ ރާއްޖޭ ގަޑިން މިރޭ 11:45 ގައެވެ. މި މެޗު ކުޅޭނީ ވޭލްސްގައި ހުންނަ ކާޑިފް ސިޓީ ސްޓޭޑިއަމްގަ އެވެ.