12 Aug 2014, 15:03
ދިވެހި ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު، މި ސީޒަނަށް ވަރުގަދަ ކުރުމަށްޓަކައި ގެނައި ބިދޭސީ ތިން ކުޅުންތެރިންގެ ތެރެއިން، މޮރޮކޯގެ ފޯވާޑް ޑަޗްގެ ޖަމާލް ޑިބީ ދޫކޮށްލައި އޭނާ ގައުމަށް ފުރުވާލައިފި އެވެ.
ނިއުއިން ވަނީ ފޯވާޑް ޖަމާލް ޑިބީ ފޮނުވާލި ކަން ސަން އަށް މިއަދު ކަށަވަރު ކޮށްދީފަ އެވެ. ކްލަބުން އޭނާ ދޫކޮށްލި ސަބަބެއް ހާމައެއް ނުކުރެ އެވެ.
މިއަހަރުގެ ސީޒަންގައި ނިއުއަށް ކުޅުނު ފަސް މެޗުގައި ތިން ގޯލް ކާމިޔާބު ކޮށްދީފައިވާ އުމުރުން 34 އަހަރުގެ ޑިބީ އަކީ ޑަޗް ލީގުގެ ކްލަބުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ޑަޗް ލީގުގެ ވަރުގަދަ ކްލަބެއް ކަމަށްވާ އޭޒެޑް އަލްކްމާރަށް ތިން ސީޒަނެއްގައި ކުޅެ 19 ގޯލް ކާމިޔާބު ކޮށްދީފަ އެވެ. އަދި މޮރޮކޯގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް އޭނާ ކުޅެފައި ވެ އެވެ.
ނިއުގައި މިވަގުތު ތިބީ ބިދޭސީ ދެކުޅުންތެރިންނަކީ އޮސްޓްރޭލިއާގެ ޑިފެންޑަރު ޑޭން މިލޮވަނޮވިޗާއި ސްޕެއިންގެ ފޯވާޑް ޑޭވިޑް ކާމޯނާ އެސްކޮބޭޑޯ އެވެ.
މި ސީޒަންގައި ނިއުއަށް ގެނައި ބިދޭސީ ކުޅުންތެރިންގެ ތެރެއިން އެކަކު އެކުލަބުން ފޮނުވާލައިފައި ވާއިރު، މިސީޒަނުގައި ނިއުއިން ވަނީ ހަތަރު ކޯޗުން ނާއި އެޓީމު ހަވާލުކޮށްފަ އެވެ.