އިރާގާއި ސޫރިޔާއިން ބައެއްގައި ގާއިމްކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންނާ ދެކޮޅަށް މިދިޔަ ހަފުތާއިން ފެށިގެން އެމެރިކާއިން ދެމުން ދިޔަ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ޖަމާއަތް ބަލިކަށި ނުވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ދިފާއީ މައިމަރުކަޒު ޕެންޓަގަންގެ އޮފިޝަލުން ބުނި ކަމަށް ރޮއިޓާސް ބުނީ ވައިގެ ހަމަލާތަކުގެ ސަބަބުން އައިއެސް ކުރިއަރަމުން އަންނަ އައުން މަޑުޖައްސާލެވުނު ކަމަށާއި އެހެން ނަމަވެސް ބަލިކަށި ނުކުރެވޭ ކަމަށެވެ.

"...އަހަރެމެން ބެލިބެލުމުން އެނގިފައި ވަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގެ ސަބަބުން އިރާގުގެ އުތުރުގައި އައިއެސްއައިއެލް [އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ދަ ލޭވެންޓް] އޮޕަރޭޓްކުރާ ދުވެލި މަޑުކުރެވުނު ކަން. އަދި ކުރުދީންގެ ސަރަހައްދީ ވެރިރަށް ހިމެނޭ އިރުބީލް ޕްރޮވިންސާ ދިމާއަށް ކުރިއަރަމުން އައި އައުމަށް ވަގުތީ ގޮތުން ހުރަސް އެޅުނުކަން. އެހެން ނަމަވެސް މިހަމަލާތަކުގެ ސަބަބުން އިރާގުގެ އެހެން ސަރަހައްދުތަކާއި ސޫރިޔާގައި އައިއެސްއައިއެލް އޮޕަރޭޓް ކުރުމުގެ ގާބިލު ކަމަށް ޖުމްލަ ގޮތެއްގައި އަސަރެއް ނުކުރޭ،" އެމެރިކާ ސިފައިންގެ ލެފްޓިނެންޓް ޖެނެރަލް ވިލިއަމް މޭވިލީ ޖޫނިއާ ބުނި ކަމަށް ރޮއިޓާސްގެ ހަބަރުގައިވެ އެވެ.

ހަމަލާތައް ފެށުމުގެ ކުރިން އެމެރިކާ އިން ބުނެފައި ވަނީ އެ ހަމަލާތަކުގެ ބޭނުމަކީ އައިއެސްގެ ހަރުކަށި އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ އިރާގުގެ ދީނީ ގޮތުން ބައިމަދު ޔަޒީދީން ހިމާޔަތް ކުރުން ކަމަށެވެ.

އައިއެސް އިން މިހާރު ހިފުމަށް އަމާޒުކޮށްގެން އުޅޭ ކުރުދިސްތާނުގެ ވެރިރަށް އިރުބީލްއަކީ އެމެރިކާއާއި އެގައުމުގެ ބައިވެރިންގެ ގިނަ މަސްލަހަތުތަކެއް އޮތް ރަށެކެވެ. އެ ރަށުގައި އެމެރިކާގެ 6000 އޮފިޝަލުންނާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ ބައެއް ތެޔޮ ކުންފުނިތަކުގެ އިސް މީހުން ތިބެ އެވެ.

ކުރުދީންގެ ރީޖަނަލް ސަރުކާރުން އަންނަނީ އިރާގުގެ އެންމެ ގިނައިން ތެޔޮ ހުރި ބައެއް ތެޔޮވަޅުތައް ކޮންޓްރޯލް ކުރަމުންނެވެ. އަދި އިރާގުގެ މަރުކަޒީ ސަރުކާރާ ދެކޮޅަށް އެމީހުން އަންނަނީ ތުރުކީއާއި އެމެރިކާގެ ބައެއް ކުންފުނިތަކަށް އަމިއްލައަށް ތެޔޮ ވިއްކަމުންނެވެ.