12 Aug 2014, 14:16
އާސެނަލްގެ ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒަށް އެ ޓީމުގެ ކުޅުމަށް ހޭނެން ވަގުތު ނަގާނެ ކަމަށް އާސެނަލްގެ ފްރާންސް ފޯވާޑް އޮލިވާ ޖިރޫ ބުނެފި އެވެ.
ކުރިއަށް އޮތް ސީޒަނަށް އާސެނަލް ވަރުގަދަ ކުރުމަށް ބާސެލޯނާ އިން ގެނައި ސަންޗޭޒް ވަނީ ޕްރީ ސީޒަންގައި އާސެނަލްއާ އެކު ޕްރީ ސީޒަންގެ ތިން މެޗެއް ކުޅެފަ އެވެ. އާސެނަލްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ސަންޗޭޒަށް ވަނީ ޖިރޫއާ ވާދަކުރަން ޖެހިފަ އެވެ.
ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ސަންޗޭޒްގެ ބަދަލުގައި ކުޅެން އަރައި އެ ޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ޖިރޫ ގަބޫލުކުރާ ގޮތުގައި، ދުވަސް ކޮޅަކަށް ފަހު ޕްރިމިއާ ލީގުގައި އެންމެ ވިދާލާނެ އެއް ކުޅުންތެރިއަކަށް ސަންޗޭޒް ވާނެ ކަމަށެވެ.
"އޭނާއާ އެކު ފަރިތަކުރުންތަކުގައި އަހަރެން ކުޅުނިން،" އާސެނަލްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ޖިރޫ ބުންޏެވެ. "އަހަރެމެން ދެ މީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮވޭ. އާސެނަލްއަށް މެސުޓް އޮޒިލް ގުޅުނުއިރު، އޭނާއާ އެކު އޮތް ވަރުގެ ގުޅުމެއް ސަންޗޭޒާ އެކު ވެސް އޮވޭ. ސަންޗޭޒް ކަހަލަ ކުޅުންތެރިންނާ އެކު ކުޅެން އަހަރެންނަށް އަބަދުވެސް ވަރަށް ފަސޭހަ. އަހަރެންނަށް ހީވަނީ އޭނާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޓީމަށް ހޭނޭނެ ހެން،"
ޖިރޫ ބުނީ، ސަންޗޭޒްގެ ފަރާތުން ފެންމުންދަނީ އެހެން ކުޅިންތެރިންނާ މުޅިން ތަފާތު ފެންވަރެއް ކަމަށާއި އޭނާއަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއް ކަމަށެވެ. އަދި މިހާރު އާސެނަލްގައި ވަރުގަދަ ސްކޮޑެއް އޮތް ކަމަށް ވެސް އޭނާ ގަބޫލުކުރެ އެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި ސިޓީ އަތުން 3-0 ލަނޑުން މޮޅުވެ 10 އަހަރަށް ފަހު، އާސެނަލްއިން ވަނީ އެ ޝީލްޑް އަލުން އުފުލާލައިފަ އެވެ.