12 Aug 2014, 14:15
ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ސާމީ ކެދީރާއަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށް ބުނެ، އާސެނަލް އާއި ޗެލްސީއަށް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ އިންޒާރެއް ދީފި އެވެ.
މިދިޔަ މަހު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕުގައި ކެދީރާގެ ފަރާތުން ދެއްކި މޮޅު ކުޅުމާ އެކު ގިނަ ކްލަބުތަކަކުން ދަނީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުން ދަނީ އިނގިރޭސި ކްލަބުތަކުންނެވެ.
ބަޔާން މިއުނިކުގެ ޖަރުމަނު މިޑްފީލްޑަރު ޓޯނީ ކްރޫސް މެޑްރިޑަށް ސޮއިކުރުމާ ގުޅިގެން ކެދީރާ އެ ކްލަބުން ވަކިވާނެ ކަމަށް ކުރިން ރިޕޯޓްތައް ބުނަމުންދިޔަ އެވެ.
"ކެދީރާ އަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެއް. މެޑްރިޑާ އެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު. މިވަގުތު ބުނެލަން އޮތް ވާހަކައަކީ އެއީ." އަންޗެލޮޓީ ބުންޏެވެ.
ކުރިއަށް އޮތް ސީޒަނުގެ ތެރޭގައި މެޑްރިޑާ އެކު ކެދީރާ ހަދާފައިވާ އެއްބަސްވުން އާ ނުކޮށްފި ނަމަ، އަންނަ ސީޒަން ފެށޭއިރު، އޭނާ އެކްލަބުން އެހެން ކްލަބަކާ ގުޅޭނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. އެއްވެސް ފައިދާއެއް ނުލިބި ކެދީރާ މެޑްރިޑުން ވަކިވެދާނެތީ އެކްލަބުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.