އެއްވެސް ސަބަބަކާ ނުލައި ލިބިފައިވާ ބާރުގެ ނަހަމަ ބޭނުން ފުލުހުނަށް ނުކުރާނެ ކަމަށާއި މިހާރު ވެސް "ފުލުހުން އަނިޔާ ކުރާލެއް މަދު ކަމަށް" މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ޖިނާއީ ދައުވާ ފުލުހުންގެ މައްޗަށް އުފުލުމާ ގުޅޭ ގޮތުން މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ބަހުސްގެ މަރުހަލާގައި ނިހާން މިއަދު ވިދާޅުވީ ފުލުހުންނަކީ އަނިޔާވެރި ބައެއް ކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ ވަކި ބައެއް ކަމަށާއި ފުލުހުންނާއި ސިފައިނަށް އަނިޔާ ކުރުމަށް ގޮވާލުމުން އޭގެ ނަތީޖާއަކަށް ވަނީ ޑިއުޓީގައި ތިބި ފުލުހުންނަށް "ވަޅީގެ ތޫނުކަން" އެނގިގެން ދިޔުން ކަމަށެވެ.

"... ދިވެހި ފުލުހުންނާއި ސިފައިންނަށް އަނިޔާ ކުރުމަށް ވަކި ބަޔަކު، ވަކި ގޮތަކަށް މާލޭގެ އެކި ތަންތަނަށް އެއްވެ، ގޮވާލި ގޮވާލުމުގެ ނަތީޖާ ބައްލަވާލައްވާ. ފުލުހެއްގެ ނަން އަންނަ ކޮންމެ ފަހަރަކީ އެއީ އަނިޔާ ކުރާ ބަޔެކޭ، އަނިޔާވެރި ބަޔެކޭ ބުނެ ވިސްނުވައިދޭން ފެއްޓީ ވަކި ބަޔަކު. ނަތީޖާ އަކަށް ވެގެންދިޔައީ ވަރަށް ބޮޑެތި ޒިންމާތަކަކާ އެކު މި ގައުމަށް ހިދުމަތް ކުރައްވަން ނުކުމެ ތިއްބެވި އާދައިގެ ފުލުހުންގެ ކުދިންނަށް ވަޅީގެ ތޫނުކަން ފެނިގެންދިޔައީ،" ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވި ގޮތުގައި ފުލުހުންނަށް އަނިޔާވެރިވާ ގޮވާލުމުން ހިދުމަތުގައި ތިބޭ ފުލުހުން މި ދުނިޔެ ދޫކޮށް، އަނބިދަރިން ޔަތީމުވެގެން ގޮސްފައިވެ އެވެ.

"އަނބިދަރިން ދޫކޮށް މި ދުނިޔެއާ އަލްވަދާއު ކިޔަން ޖެހުމުން، އެ އާއިލާތައް އެތިބީ ޔަތީމުވެފައި. ބަދަލުގައި އަޅުގަނޑުމެންނަށް ދެވުނު އެއްވެސް އެއްޗެއް ނެތް. އެހެންވީމާ ފުލުހުންގެ ވާހަކަ ދެކެވޭ ހިނދު ލޭ ހޫނުވާޖެހޭ ސަބަބަކީ މިއީ،" ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

އެއްވެސް ސަބަބަކާ ނުލައި ފުލުހުނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން "ސައިޖިދައިގައި އޮތް މީހަކު" ހިފައި ހައްޔަރުކޮށްގެން ފުލުހުން ނުގެންދާނެ ކަމަށާއި "ނުބައެއް ހަދައިގެން ތިބީމައި" ހައްޔަރު ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ހިދުމަތުގައި ތިއްބައި މަރުވި ފުލުހުންގެ ވާހަކަ ހިތުގައިޖެހޭ ހިސާބުގައި އޮއްވާ ހަމަ ނުކުމެ ފުލުހުން އަނިޔާ ކުރީއޭ. ފުލުހުން އަނިޔާ ކުރާލެއް މަދު. އަނިޔާކުރީއޭ ބުނާ އިރު އަނެއް ދުވަހު ވަރަށް ރީއްޗަށް މަޖިލީހުގައި ވާހަކަ މިއޮއް ދައްކަނީ. ކުރިއަށް ވުރެ ހާލަތު ރަނގަޅު،"