12 Aug 2014, 14:01
ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން "ދުޅަހެޔޮ ސިއްހަތަކަށް އެންމެންއެކީ" މިޝިއާރުގެ ދަށުން ހާއްސަ ޕްރޮގުރާމްތަކެއް ކުރިއަށް ގެންދިއުމަށް ޔޫތް މިނިސްޓްރީން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީ އިން ބުނީ، ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ހަރަކާތް ރަސްމީކޮށް ލޯންޗު ކުރުމަށް ހަމަޖެހިފައި ވަނީ މިރޭ 8:30ގައި އެކުވެނި ޓްރެކްދަނޑުގައި ކަމަށާއި އެ ހަރަކާތަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބޭނުންވާ ތަފާތްއެކި ކަސްރަތު ޕްރޮގުރާމްތައް ހިމަނައިގެން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމްތަކެއް ކަމަށެވެ.
އަދި އެ ޕްރޮގްރާމްގެ އެކި ބައިތައް މާލޭގެ ތިން ސަރަހައްދެއްގައި މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު 5:45 އިން 6:45 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އެގޮތުން އެ ސަރަހައްދު ތަކަކީ މާފަންނު ޔޫތު ސެންޓަރުގެ އައުޓްޑޯ ސަރަހައްދުގަ އާއި ހެންވޭރު އަޑިޕާކުގެ އިތުރުން އެކުވެނި ޓްރެކް ދަނޑުގައި ކަމަށް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.
ހުރިހާ އުމުރުފުރާތަކެއްގެ ބޭފުޅުން ވެސް ހިލޭ ބައިވެރިވުމުގެ ފުރުސަތު އޮތް މި ޕްރޮގުރާމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޔޯގާގެ އެކި ޕޮރޮގުރާމްތަކާއި ޒުންބާގެ އިތުރުން ޖިމްގެ ހަރަކާތްތަކެވެ.
މިނިސްޓްރީން ބުނީ، "ދުޅަހެޔޮ ސިއްހަތަކަށް އެންމެންއެކީ" މިޝިއާރުގެ ދަށުން މިރޭ މިޕްރޮގުރާމް މާލޭގައި ފެށާއިރު ކައިރި އަންނަ އޮކްޓޫބަރު މަހު އެ ޕްރޮގުރާމް ހުޅުމާލެއާއި ވިލިމާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.