ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވެވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މަޖިލީހުން ރުހުން ދީފައި ވަނީ ދަފްތަރު ނަމްބަރު 1320 ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދުއަށާއި ހ. ގްލޯރިއޯސާ‏ ‏ ‏އަލީ ނަދީމަށެވެ.

ސަރީރާ އާއި ނަދީމް ޕީއައިސީއަށް އައްޔަން ކުރަން ފެންނަ ކަަމަށް ވޯޓް ދެއްވީ 73 މެންބަރުންނެވެ. ނަމަވެސް ފަރުހާދު ޕީއައިސީއަށް އައްޔަން ކުރަން ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ކޮމެޓީން އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ފާސްކޮށްފައި ވަނީ ސަރީރާ އާއި ފަރުހާދަށް ރުހުން ދިނުމަށެވެ. ކޮމެޓީގެ ރުހުމެއް ނަދީމަށް ނުލިބެ އެވެ.

ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަންގައި މިހާރު ހިމެނޭ ތިން މެންބަރެއްގެ‏‎ މަގާމުގެ ‏‎‏މުއްދަތު މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ ‏‏އެ ކޮމިޝަނަށް ސަރީރާ އާއި ނަދީމު އަދި ފަރުހާދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. އަދި ކުރިން އެ ކޮމިޝަންްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަހިންދާ އިސްމާއީލް ޕީއައިސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައި ވާތީ އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ރައީސް ޔާމީން މަޖިލީހަށް ފޮނުއްވެވި މ. ކުރޮޅި، އާދަމް ޒާހިރުގެ ނަންފުޅު، މަޖިލީހަށް ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ކުރޮޅި އާދަމް ޒާހިރު ޕީއައިސީއަށް އައްޔަން ފެންނަތޯ ބެލުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓުން އަގުލަބިއްޔަތު ލިބުނީ އޭނާ ޕީއައިސީއަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ވެސް ރުހުން ނުލިބުނު އާދަމް ޒާހިރަށް މިއަދުގެ ވޯޓުގައި ބައިވެރިވި 61 މެމްބަރުން ވޯޓު ދެއްވާފައި ވަނީ އޭނާ ޕީއައިސީއަށް އައްޔަން ކުރަން ނުފެންނަ ކަމަށެވެ. އަދި އޭނާ ޕީއައިސީއަށްް އައްޔަން ކުރުމަށް ފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ.