12 Aug 2014, 13:32
ވަގު ލިޔުންތަކެއް ހަދައިގެން ޑޮމެއިން ނަމްބަރުތަކެއް ވިއްކި މައްސަލައަކާ ގުޅިގެން ބ. އޭދަފުށިން މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އޭނާ ވިއްކާފައި ވަނީ ކާރުގެ ނަމްބަރަކާއި ސައިކަލުގެ ދެ ނަމްބަރު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ވަގު ޑޮމެއިން ނަމްބަރުތަކެއް ވިއްކި ކަމަށް ތުހުމަތުކުރެވިގެން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އޭނާ ވިއްކި ޑޮމެއިން ނަމްބަރެއްގެ އަގު 75،000ރ. އަށް އަރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އުމުރުން 20 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ އަށްވަނަ ދުވަހު އޭދަފުށީން ނެވެ. އަދި އޭނާގެ ބަންދަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ވަނީ ދީފަ އެވެ.
އޭދަފުށީ ކައުންސިލުން ބުނީ އެ ރަށުން ހައްޔަރު ކުރި މީހަކީ މާލޭ މީހެއް ކަމަށާއި އޭނާ އެ ރަށަށް ދިޔައީ ރޯދަމަހު ތެރޭ ކަމަށެވެ. އަދި އެރަށަށް އޭނާގެ ބެލުމުގެ ދަށުން ގެންދިޔަ ކާރަކަށް ވެސް ޑޮމެއިން ނަމްބަރެއް ވިއްކާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.