12 Aug 2014, 13:19
ސަރުކާރުގެ ގެދޮރުވެރިކުރުން ޕްރޮގުރާމުގައި މާކްސްދޭއިރު ދަފްތަރުގައި ޖެހިފައިވާ މީހުން މާލޭގައި އުޅެފައިވާ ދުވަހަށް ބަލައި މާކްސް ދިނުމަށް ހައުސިން މިނިސްޓްރީ އިން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީ އިން މީގެކުރިން ނިންމާފައި ވަނީ އެމީހަކު ދަފުތަރުގައި ޖެހުނު ދުވަހަކުން ފެށިގެން މާކްސް ދިނުމަށެވެ.
ހައުސިން މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާކްސް ދިނުމުގެ އުސޫލުތަކާ މެދު ދަފުތަރުގައި ހިމެނޭ ފަރާތްތަކުން ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދާ ކަމަށާއި އެހެންކަމުން އެމީހަކު މާލޭގައި އުޅެފައިވާ ދުވަހަށް ބަލައި މާކްސް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"މީގެ ކުރިން މާކްސް މިދެނީ ދަފުތަރުން ޖެހުނު ދުވަހުން ފެށިގެން. އެއީ މާލޭގައި ވަރަށް ގިނަ ދުވަހު އުޅެފައި ތިބި މީހުން އެބަތިބި ވަރަށް ފަހުން ދަފްތަރުގައި ޖެހިފައި. މިހާރު ނިންމި ގޮތުން މާލޭގައި އުޅުނު ދުވަހަށް ބަލައި މާކްސް ލިބޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގައި އުޅުނު ދުވަސް ކަނޑައެޅުމަށް ބަލާ ލިޔުންތަކަކީ ތައުލީމް ހާސިލު ކުރިތަނެއްގެ ލިޔުމެއް ނުވަތަ މާލޭގައި ވަޒީފާ އަދާކުރި ތަނެއްގެ ލިޔުމެއް ނޫނީ މާލޭގައި ހުރި ގެއެއްގެ ވެރި މީހާ ދެ ހެކީންގެ ސޮޔާ އެކު ހުށައަޅާ ލިޔުން ކަމަށެވެ. ކުރިން ފޯމް ލާފައިވާ ފަރާތްތަކަށް ވެސް އެލިޔުންތައް އަލުން ހުށައެޅުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީން ނިންމާފައި ވަނީ އެ ޕްރޮގުރާމަށް ފޯމު ލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ގެތަކަށް ގޮސް އެބޭފުޅުން ދިން މައުލޫމާތަކީ ސައްހަ މައުލޫމާތުތޯ ބެލުމެވެ.
މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވީ މިހާރު ހައުސިން މިނިސްޓްރީ އިން ނިންމާފައި ވަނީ ފޯމް ހުށައަޅާފައިވާ ހުރިހާ ގެއަކަށް ގޮސް މައުލޫމާތު ސައްހަތޯ ބެލުމަށް ކަމަށެވެ. އެގޮތަށް މައުލޫމާތު ސައްހަ ނޫން ފަރާތްތަކުގެ މާކްސް ކެނޑޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޕްރޮގުރާމްއަށް އެދި ހުށައެޅުމަށް ތިން ކެޓަގަރީއެއްވެ އެވެ. އެއީ މާލޭގެ ރަށްވެހި ފަރާތްތަކުގެ ކެޓަގަރީ އާއި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ފަރާތްތަކުގެ ކެޓަގަރީގެ އިތުރުން މާލޭގެ ބިންހުރި ފަރާތްތަކުން އެބިން ދޫކޮށް ފުލެޓަށް ބަދަލުވާ ގެޓަގަރީ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ މާލޭގެ ބިން ހުރި ފަރާތްތަކުން އެބިން ދޫކޮށް ފުލެޓަށް ބަދަލުވާ ގެޓަގަރީ އަށް ވަރަށް ތަރުހީބު ކުޑަ ނަމަވެސް އެހެން ކެޓަގަރީތަކަށް ގިނަ އަދަދެއްގެ ފޯމް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 2700 ފޯމް މިހާރު ހުށައަޅަފައިވާ އިރު މުއްދަތު ހަމަވާ އިރު 8000 ނުވަތަ 10000 ފޯމް ހުށައަޅާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިހާރު ވަނީ އެފޯމް ހުށައެޅުމުގެ މުއްދަތު އަންނަ މަހުގެ 30ގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އަދި މިހާރު ކޮންމެ ދުވަހަކު 150 ފޯމް ހުށައެޅޭ އިރު ކުރިއަށް އޮތްތަނުގައި ދުވާލެއްގެ މައްޗަށް 250 ފޯމް ހުށައެޅުމުގެ ފުރުސަތު ވަރަށް ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
އެ ޕްރޮގުރާމްގެ ދަށުން އިމާރާތްކުރުމަށް ނިންމާފައި ވަނީ 1100 ފުލެޓެވެ. ވަރަށް އަވަހަށް އެ ފްލެޓްތައް އިމާރާތްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.