12 Aug 2014, 13:20
ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާއަށް ވޯލްޑް ކަޕުގައި ކުރިމަތިވި ހިތްދަތި އަނިޔާއަށް ފަހު، އަލުން އެ ޓީމުގެ ފަރުތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
އުމުރުން 22 އަހަރުގެ ފޯވާޑަށް ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި އަނިޔާވެ، އެ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ކޮލަމްބިއާގެ ކަމިލޯ ޒުނިގާގެ ނުރައްކާތެރި ހަމަލާއަކުންނެވެ. ޒުނިގާގެ ކަކުލުން ޖެހި ނޭމާގެ އުނަގަނޑަށް ވަނީ ބޮޑު އަނިޔާއެއް ކުރިމަތިވެފަ އެވެ.
އަނިޔާއިން ސަލަމާތްވުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފަހު، ބާސާގެ ފަރިތަކުރުންތަކުގައި ނޭމާ ފުރަތަމަ ބައިވެރިވެފައި ވަނީ އިއްޔެ އެވެ. ނޭމާއާއެކު އެ ކްލަބަށް އަލަށް ގުޅުނު ޖެރެމީ މެތިއު އަދި އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޒަވީ ވެސް ވަނީ އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.
ބާސާގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އިއްޔެގެ ފަރިތަކުރުންތަކުގައި ބައިވެރިވި އިރު، އާސެނަލްއިން 19 މިލިއަން ޕައުންޑްގެ އަގަކަށް ބާސާއާ ގުޅުނު ޑިފެންޑަރު ތޯމަސް ވަމާލިން އާއި ވޯލްޑް ކަޕުގައި ދަތްއެޅި މައްސަލައިގެ ސަބަބުން ސަސްޕެންޝަނުގައި ހުރި ލުއިސް ސުއަރާޒް، އެ ޓީމުގެ ފަރިތަކުރުންތަކުގައި އިއްޔެ ބައިވެރިވެފައެއް ނުވެ އެވެ.
ކުރިއަށް އޮތް ސީޒަނުގެ ސްޕެނިޝް ލަލީގާގެ ފުރަތަމަ މެޗުގައި މި މަހު 24 ވަނަ ދުވަހު ބާސާ ނުކުންނަން ޖެހޭނީ އެލްޗޭއާ ދެކޮޅަށެވެ. އެ މެޗަކީ ބާސާގެ އާ ކޯޗު ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ރަސްމީ މެޗެއްގައި އެ ޓީމު ކުޅޭނެ ފުރަތަމަ މެޗެވެ.