ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް، އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ސަރުކާރަށް ގޮވައިލައްވައިފި އެވެ.
ގދ. ތިނަދޫގައި ޑީއާރުޕީން ޜޭ ބޭއްވި، ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް، ދައުލަތުގެ ބާރާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ނުފޫޒު ފޯރުވައި ބިރު ދެއްކުން ހިމެނޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ތަސްމީނު އެ މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިންގެ މަސައްކަތް ކުރަމުންދާއިރު ނުކުރާންވީ ކަމަކީ، ދައުލަތުގެ އާރާއި ބާރު ބޭނުންކޮށްގެން، އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް ނުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އިއްޔެގެ ރޭޑިއޯ ހިތާމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާއުޕީން ކާމިޔާބުކުރަން ޖެހޭ ސަބަބުތައް ހާމަ ކުރައްވަމުން ރޭގެ ޖަލްސާގައި ތަސްމީނު ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އައީ ރައްޔިތުންނަށް އެތައްހާސް ވައުދުތަކެއް ވެފައި ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ވައުދެއް މިސަރުކާރަށް ފުއްދައިދެވިފައި ނުވާއިރު ރައްޔިތުންގެ ހާލު އެއްދުވަހުން އަނެއް ދުވަހަށް ދަނީ ދަށަށް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރަކީ ވައުދު ފުއްދުމުގެ ގާބިލް ކަމާއި ވައްޓަފާޅި އޮތް ސަރުކާރެއް ނޫން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ޑީއާރުޕީއަކީ ކުރީގެ ސަރުކާރުގައި ތިބެގެން ރައްޔިތުންނަށް އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ ޕާޓީއެއް ކަމަށާއި ދެންވެސް ރައްޔިތުންނަށް ފުރިހަމަ ހިދުމަތްތަކެއް ދެވޭނީ ޑީއާރުޕީއަށް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބުކޮށްދޭން ޖެހެނީ، މިސަރުކާރު ޖަވާބުދާރީކޮށް ވެރިކަމަށް އައިސް ރައްޔިތުންގެ ވައުދުތައް ފުއްދޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީ ކަމަށްވާތީ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދޭން ބޭނުން ނަމަ ކައުންސިލްތަކުގެ އިންތިހާބުގައި، ޑީއާރުޕީގެ ކެންޑިޑޭޓުން ފިޔަވައި އެހެންބަޔަކަށް ވޯޓު ނުދިނުމަށާއި ޑީއާރުޕީނޫން އެހެން ޕާޓީއަކަށްދޭ ވޯޓަކީ ސަރުކާރަށްދޭ ވޯޓެއް ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީއަށް ކާމިޔާބުކޮށްދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށްޓަކައި ޕާޓީ އޮތީ ކެންޑިޑޭޓުންގެ ފަހަތުގައި ކަމަށާއި މި އިންތިހާބު ޑީއާރުޕީއަށް ކާމިޔާބު ނުވެއްޖެ ނަމަ، އެކަން ވެގެންދާނީ 2013ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ވުމަށް ހުޅުވޭ ދޮރަކަށް ކަމަށް ވެސް ތަސްމީނު ވިދާޅުވި އެވެ.