ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ރަޝިޔާގެ އަންހެންމީހާ އެގައުމުގެ ތަރުޖަމާނަކު އައްޔަންކޮށްދިނުމަށް ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ރަޝިޔާގެ ރައްޔިތެއް ކަމުގައިވާ އެންޖެލީނާ ޕްރުޓޯވާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ބުނީ އެ މައްސަލަ ކުރިއަށްގެންދަން އޭނާ ބޭނުންވަނީ ރަޝިޔާގެ ތަރުޖަމާނަކާ އެކު ކަމަށެވެ.

އިނގިރޭސި ތަރުޖަމާނު މެދުވެރިކޮށް ދައުވާ ކިޔައިދިނުމުން އޭނާ ބުނީ އިނގިރޭސިބަސް އޭނައަށް އެނގެނީ ކުޑަމިންވަރަކަށް ކަމަށެވެ.

"އަހަރެން ބޭނުން ރަޝިޔާގެ ޓްރާންސްލޭޓަރެއް. އިނގިރޭސިބަސް އަހަންނަށް އެނގެނީ ވަރަށް ކުޑަކޮށް،" އެންޖެލީނާ ބުންޏެވެ.

އެންޖެލީނާ މިއަދު ޝަރީއަތަށް ހާޒިރުކުރަނީ--- ސަން ފޮޓޯ/ އަހްމަދު އާޒިފް

ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 8:35 އެހައިކަންހާއިރު ދުބާއީގައި ހުރުމަށްފަހު އެމިރޭޓްސްގެ ފްލައިޓަކުން އެންޖެލީނާ ރާއްޖެއައުމުން ކަސްޓަމްސްގެ އޮފިސަރުން އޭނަގެ ލަގެޖް ޗެކްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންގެ ދެ ކިލޯ ފެނިފައިވާ ކަމަށެވެ. އެތަކެތި ފެނިފައި ވަނީ އޭނާގެ ދަބަހުގެ ތެރޭގައި އޮތް ފޮއިލެއްގެ ތެރެއިން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެންޖެލީނާ ވަނީ އަމިއްލައަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދިފަ އެވެ. ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ވަކީލަކު ހަމަޖެއްސުމަށް ގާޒީ ވަނީ އޭނައަށް ފުރުސަތު ދީފައެވެ.
ޝަރީއަތަށްފަހު އެންޖެލީނާ ކޯޓުން ނެރެގެން ގެންދަނީ--- ސަން ފޮޓޯ/ އަހްމަދު އާޒިފް


ގާޒީ ވިދާޅުވީ ރަޝިޔާގެ ތަރުޖަމާނަކު ހަމަޖެއްސި ކަމުގައި ވިޔަސް އިނގިރޭސި ތަރުޖަމާނަކު ވެސް ޝަރީއަތަށް ހާޒިރުކުރާނެ ކަމަށެވެ. އެ މައްސަލައިގެ ލިޔުންތައް ތައްޔާރުކުރާނީ އިނގިރޭސިބަހުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވާނީ ރަޝިޔާގެ ތަރުޖަމާނަކު ލިބޭތޯ ބެލުމަށްފަހު ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ދުވަހުން ފެށިގެން އަދިވެސް އެންޖެލީނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.