12 Aug 2014, 12:53
ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިވަޑައި ނުގަތުމުން ހެލްތު މިނިސްޓަރުކަމުން ޑރ. މަރިޔަމް ޝަކީލާ މިއަދު ވަކިކުރައްވައިފި އެވެ.
ރައީސް އޮފީހުން ވަނީ އެކަން ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ރައްޔިތުިންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޑރ. ޝަކީލާއަށް ރުހުން ދޭން ނުފެންނަ ކަމަށް 61 މެމްބަރުން ވޯޓު ދެއްވާފައިވެ އެވެ. އަދި ރުހުން ދޭން ފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވާފައިވެ އެވެ. އަދި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ޝަކިލާއަށް ރުހުން ނުދިނުމަށް ޕީޕީއެމް އިން ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފަ އެވެ. ޝަކީލާ އަށް ރުހުން ދޭން ނުފެންނަ ކަމަށް ސަރުކާރާ އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކުރި އިރު، ޖުމްހޫރީ ޕާޓީން ވަނީ އެކަމަނާ އަށް ރުހުން ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ.
ޑރ. ޝަކީލާއަށް ރުހުން ދިނުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީން ފާސްކޮށްފައި ވަނީ ވެސް ހަނި އަޣުލަބިއްޔަތަކުންނެވެ.
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑރ. ޝަކީލާ ހުންނެވީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީގެ މަގާމުގަ އެވެ. އޭގެ ފަހުން އެކަމަނާ މިނިސްޓަރު އޮފް ހެލްތް އެންޑް ޖެންޑާގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމިން އެވެ. ޑރ. ޝަކީލާއަށް ރުހުން ހޯދުމަށް ރައްޔިތުން މަޖިލީހަށް ދެވަނަ ފަހަރަށް ރައީސް ޔާމީން ފޮނުއްވެވީ ހެލްތު މިނިސްޓްރީގެ ތެރެއިން ޖެންޑާ އެންޑް ފެމިލީ ބައި ވަކި ކުރުމަށް ފަހު ހެލްތު މިނިސްޓްރީ ވަކިން ހިންގެވުމަށް ނިންމެވުމާ ގުޅިގެންނެވެ.