12 Aug 2014, 11:53
މަހިބަދޫ ސްޕޯޓްސް ކްލަބްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އަށް މޮންގޯލިއާގައި ބާއްވާ "އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯސް"ގެ އިންސްޓްރަކްޓަރު ކަން ކުރުމަށް އެލިބުނު ފުރުޞަތަކީ ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ރީތި ނަަމެއް ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯސްގެ އިންސްޓްރަކްޓަރުކަން ކުރުމަށް މީހަން މޮންގޯލިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ. އަދި މިއީ ރާއްޖޭގެ ކޯޗަކަށް ބޭރު ގައުމެއްގައި އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯސް އިންސްޓްރަކްޓަރުކަން ކުރުމަށްދާ ފުރަތަމަ ފަހަރު ކަމަށް ވެސް ޖަވާ ވިދާޅުވި އެވެ.
"މިއީ މޯހަން ރާއްޖެ އަށް ހޯދަދިން ރީތި ނަމެއް. މިއީ ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ކޯޗަކު ކިޔަވައިދޭ ފުރަތަމަ ފަހަރު. މިކޯސް އޮތީ އަންނަ މަހުގެ 10 އިން 22 އަށް މޮންގޯލިއާގައި." ޖަވާ ވިދާޅުވި އެވެ.
މީގެ ކުރިން ނިއު ރޭޑިއަންޓުގެ ހެޑްކޯޗް ކަމާއި ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި މޯހަން ވަނީ މީގެ ކުރިން މާލޭގައި އޭއެފްސީން ބޭއްވި ބައެއް "ސީ ލައިސަންސް" ކޯސްތަކުގައި ކިޔަވައިދީފަ އެވެ.