ރޯދަ މަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ މިސްކިތްތައް މަރާމާތު ކުރުމަށް މިއަހަރު ތެރޭ މިހާތަނަށް 10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގައި މިއަހަރު ތެރޭ ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތައް މަރާމާތު ކުރުމަކީ އެ މިނިސްޓްރީން ކުރާ ކަމަކަށް ނުވާތީ އެ މަސައްކަތް ކުރުމަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން ހަމައެކަނި ކުރަނީ އިދާރީ މަސައްކަތްތައް ކަަމަށެވެ. އެހެން ނަަމަވެސް މިއަހަރުގެ ރަމަޟާން މަހަށް ރާއްޖޭގެ މިސްކިތްތައް މަރާމާތު ކުރުމަށް 10 މިލިޔަން ރުފިޔާ ހަރަދުވެފައިވާނެ ކަަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މިއަހަރު ތެރޭ ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އެންމެ މިސްކިތްތައް ގިނަ ސިޓީ ކަަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ 65 މިސްކިތް މިއަހަރު ތެރޭ މަރާމާތުކޮށް ނިންމުމަށް ޓަކައި މިއަހަރުގެ ޖުލައި މަހުގެ ތެރޭ އެއް މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި އެކަން ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ބަޖެޓަކީ މިހާތަނަށް މިސްކިތްތައް މަރާމާތު ކުރުމަށްޓަކައި އެއް ފަހަރާ ދޫކުރި އެންމެ ބޮޑު ބަޖެޓް ކަމަށެވެ.

"އައްޑޫ ސިޓީއަކީ ރާއްޖޭގެ އެންމެ މިސްކިތްތައް ގިނަ ސިޓީކަމުން އެ ސިޓީގެ 65 މިސްކިތުގެ މިއަހަރަށް ބޭނުންވާ މަރާމާތުތައް ކުރުމަށްޓަކައި މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އެއް މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި އެ ކައުންސިލަށް އަންގާފަވާނެ،" މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ވެރިކަން ކުރާ ރަށުގައި އިސްލާމީ މަރުކަޒެއް ހެދުމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ޒަމާނާ ގުޅޭ ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ސިޓީގެ ކައުންސިލަށް ހުށަހެޅި ކަމަށާއި ނަަމަވެސް ކައުންސިލާއި އެ ސިޓީގެ ރައްޔިތުންގެ އެދުމުގެ މަތިން ނިންމާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި "އިސްލާމީ މަރުކަޒެއް" ގާއިމް ކުރުމަށް ކަމަށެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ގުރާއާނާއި އިމާމް ކޯހާއި ކަށުކަމާކެމީގެ ކޯސްތައްފަދަ ކޯސްތައް ހިންގޭނެ ގޮތަށް ކުލާސް ރޫމްތަކާއި ލައިބްލަރީއެއް ގާއިމް ކުރުމަށް ކަމަށެވެ. އެ މަސައްކަތް މިއަހަރު ތެރޭ ފަށައިގަންނާނެ ކަމަށާއި އެކަމަށް ބޭނުންވާ ބަޖެޓް ވެސް ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އެ އިމާރާތް ކުރުމަށްޓަކައި މިހާރު ބިން ވެސް ހަމަޖެހިފައިވާ ކަަމަށާއި އަދި އެ އިމާރާތް ހެދުމަށް ފަސް މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިމާރާތް ކުއްޔަށް ދީގެން ލިބޭ ފައިސާ ހަރަދު ކުރާނީ އައްޑޫ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.