ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ޑިފެންޑަރު އެލިއަކްއިމް މަންގާލާ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގްގެ މެންޗެސްޓާ ސިޓީއަށް ބަދަލުވެއްޖެ އެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ޕޯޗުގަލްގެ ޕޯޓޯއަށް ކުޅެމުން އައި މަންގާލާ ސިޓީއަށް ބަދަލުވެފައި ވަނީ 32 މިލިއަން ޔޫރޯގެ އަގަކަށެވެ.

ސިޓީއަށް ކުޅުމަށް ސޮއި ކުރުމަށްފަހު އިނގިރޭސި މީޑިއާތަކަށް މަންގާލާ ދިން އިންޓަވިއުގައި ބުނެފައި ވަނީ، ސިޓީ އަކީ ޕްރިމިއާ ލީގްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނަ މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި ސިޓީގެ ފުރަތަމަ 11 އިން ޖާގަ ހޯދައި އެކުލަބަށް ކާމިޔާބު ހޯދާ ދިނުމުގައި ހުންނާންނަ ކަމަށް މަންގާލާ ބުންޏެވެ.

ސިޓީގެ ކޯޗް މެނުއަލް ޕެލެގްރީނީ ބުނީ، މަންގާލަކީ ސިޓީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ޓީމުގެ ފުރަތަމަ 11 އިން މަންގާލާއަށް ޖާގަ ލިބޭނެ ކަމަށް ވެސް ޕެލެގްރީނީ ބުންޏެވެ.