12 Aug 2014, 10:22
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)އަކީ އަހަރަކު ފަސް މިލިއަން ނުވަތަ ހަތް މިލިއަން ފަސިންޖަރުންގެ ހިދުމަތް ދޭ އެއާޕޯޓަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މީރާގެ ހަތަރު ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އާ އެއާޕޯޓްއަކާއި އާ ރަންވޭއެއްގެ އިތުރުން ޓާމިނަލް ފެސިލިޓީ އިތުރުކުރުމަށްފަހު ކުރިއަށް އޮތް 50 އަހަރަށް ޓާގެޓްކޮށްގެން ފަސް ނުވަތަ ހަތް މިލިއަން ފަސިންޖަރުންގެ ލޯޑް ހިފަހައްޓާވަރުގެ އެއާޕޯޓްއަކަށް އައިއެންއައިއޭ ހެދުން ކަމަށެވެ.
ރައީސް ވިދާޅުވީ ހަތް މިލިއަން ފަސިންޖަރުންގެ އެއާޕޯޓަކަށް އައިއެންއައިއޭ ހެދުމުގެ މަސައްކަތް ކުރާއިރު މިހާރު އެ އެއާޕޯޓުން ކޭޓާ ކުރަނީ ދޮޅު މިލިއަނެއްހާ ފަސިންޖަރުނަށް ކަމަށެވެ.
"ސަރުކާރުގެ ވިސްނުމުގައި މިހާރު 1.5 މިލިއަން ހޭންޑަލް ކުރާ އެއާޕޯޓް ފަސް މިލިއަން ނުވަތަ ހަތް މިލިއަން ހޭންޑަލް ކުރާ އެއާޕޯޓްއަކަށް ހެދުން،" ރައީސް ޖުމްހުރިއްޔާ ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މީގެ ކުރިން ވިދާޅުވެފައި ވަނީ އައިއެންއައިއޭ ތަރައްގީ ކުރުމަށް ލޯނެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދީބު އިތުރަށް ވިދާޅުވީ ޖޭބިކް ފަންޑުން އެއާޕޯޓް ޓާމިނަލް ބޮޑުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އައިއެންއައިއޭގައި ހުންނަ އަކުއާ ރެސްޓޯރެންޓް ބަންދުކޮށް އެ ސަރަހައްދަށް ޓާމިނަލް ބޮޑު ކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފަ އެވެ. އަކުވާ ރެސްޓޯރެންޓް މިހާރު ވަނީ އެ ރެސްޓޯރެންޓް ހިންގަން ހަވާލުކުރި ފަރާތްތަށް ދީފައިވާ މުއްދަތު ހަމަވެފައި ވާތީ ބަންދުކޮށްފަ އެވެ.
މިނިސްޓު އަދީބު އިތުރަށް ވިދާޅުވީ ސިންގަޕޫރުގެ ޗަންގީ އެއާޕޯޓްސް އިން އައިއެންއައިއޭގެ ކޮންސަލްޓަންޓުންނަށް ޕްރޮޕޯސްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އެގްރިމެންޓް ހަދައި އެ ބޭފުޅުން އެޑްވައިޒަރުންނަށް ހަމަޖައްްސަވާނެ ކަމަށެވެ.